ލޯކަލް ކައުންސިލް އިންތިޙާބުގައި ރައީސް ޔާމިންގެ ސަރުކާރެއް ނޫނެކޭ ބުނަން ދިޔަމިގިލީ ރައްޔިތުން ތައްޔާރަށް ތިބިކަން ދައްކުވައިދީފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހު ތ. ދިޔަމިގިލި ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ މިވެރިކަން ބަދަލުކުރުމަށް އޮތް އެންމެ ރަނގަޅު އެއް ހަތިޔާރަކީ ރައްޔިތުންގެ އަތުގައި އޮތް ވޯޓް ކަމަށާއި ރައީސް ޔާމިންގެ ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.
އަދި މިއޮތް ދުވަސްކޮޅުގެ ތެރޭގައި ކެމްޕެއިން ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމަށް ނިޒާރު އެދިވަޑައިގެންނެވި އެވެ.
ރައީސް ޔާމިންގެ ސަރުކާރުން ކަންތައް ކުރަމުން ގެންދާ ގޮތުގެ ވާހަކަ ރައްޔިތުން ޤަބޫލު ކުރާ ކަމަށާއި އެގޮތުން ރައީސް މައުމޫނުވެސް އެ އަޑު އައްސަވައިފި ކަމަށް ނިޒާރު ވިދާޅުވި އެވެ.
މިޓީމުން ވަނީ ދޮރުން ދޮރަށް ހިނގާ ދިޔަމިގިލީގެ ރައްޔިތުންނާއި ބައްދަލުކޮށްފައެވެ.
އެމްޑީޕީން ބާއްވާ ބޮޑު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ މަޑިފުށީގައެވެ.