ވިލިމާލެ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލެ ފިޔަވަތީގައި ދިރިއުޅެމުން ދިޔަ 11 ކުއްޖަކާއެކު މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ފުވައްމުލައް ސިޓީއަށް ވަޑައިގެންފިއެވެ.
ޖެންޑަރ މިނިސްޓްރީން ބުނީ މި ދަތުރަކީ އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުޑަކުދިން އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގާއިމުކުރެވޭ މަރުކަޒުތަކަށް ކުދިން ބަދަލުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ފުވައްމުލައް ސިޓީގައި ގާއިމުކުރެވުނު "އަމާން ވެށި"އަށް ކުދިން ބަދަލުކުރުމަށް މިނިސްޓަރ ދެ ދުވަހަށް ކުރެއްވި ދަތުރެއް ކަމަށެވެ.
މި 11 ކުދިންނާއި، މި ވަގުތު ފުވައްމުލައް ސިޓީގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފްސީއެސްސީ)ގެ ބެލުމުގެ ދަށުގައިވާ 5 ކުދިންނާއެކު، ޖުމުލަ 16 ކުއްޖަކު މި މަރުކަޒުގައި މިހާރު ދަނީ ދިރިއުޅެމުންނެވެ.
މި ދަތުރުގައި މިނިސްޓަރ ވަނީ އަމާން ވެށި ބައްލަވައިލައްވައި، އެ ތަނުގެ އަދި އެފް.ސީ.އެސް.ސީ.ގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ހިތްވަރު ދެއްވާފައެވެ.
މީގެ ކުރިން، މި މަހުގެ 6 ވަނަ ދުވަހު ށ. ފުނަދޫގައި ގާއިމުކުރެވުނު އަމާން ވެއްޓަށް 16 ކުއްޖަކު ބަދަލުކުރެވިފައިވާއިރު ފާއިތުވި ޑިސެންބަރު މަހުގެ 24 ވަނަ ދުވަހު 17 ކުއްޖަކު ވަނީ ބ. އޭދަފުށީގައި ގާއިމުކުރެވުނު އަމާން ވެއްޓަށް ބަދަލުކުރެވިފައެވެ.
ޖެންޑަރ މިނިސްޓްރީން ބުނީ ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކުޑަކުއްޖަކު ވެސް އާއިލީ މާހައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމުގައިވިޔަސް، ހާލަތު ނިޔާކުރާ ގޮތުން އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގޭކަމަށެވެ.
ނަމަވެސް، އެ މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއްދެނީ މާލޭ ސަރަހައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ ވެސް އެއްގޮތަށް މުޖުތަމަޢުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ހޯދައިދީ، އެ ފަދަ މާހައުލެއް ތަނަވަސް ކޮށްދިނުމަށް ކަމަށް ބުނެއެވެ.
ފުވައްމުލައް ސިޓީގައި ހުޅުވުނު އަމާން ވެއްޓަކީ ކަމާބެހޭ އިދާރާތަކާއި މުޖުތަމަޢުގެ އެއްބާރުލުމާއި ބައިވެރިވުމާއިއެކު ތަރައްޤީކުރެވޭ މި ފަދަ ތިންވަނަ ތަނެވެ. މީގެ އިތުރުން ޖެންޑަރއިން ބުނީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ސަންފްރަންޓް ލިވިންގެ ފަރާތުން މި މަސައްކަތުގައި ވަރަށް ބޮޑު އެހީތެރިކަމެއް ދެމުން ގެންދާކަމަށެވެ.
ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގައި ގިނަ އަދަދެއްގެ ކުދިން ދިރިއުޅެމުންދާއިރު، މި ދެ މަރުކަޒުގައި ކުދިން ގެންގުޅެނީ ދެ އުމުރުފުރާއަކަށް ބަހައިލައިގެންނެވެ. އެ ކަމުގެ ސަބަބުން އެއް އާއިލާއަކަށް ނިސްބަތްވާ ބައެއް ކުދިން ދެ މަރުކަޒެއްގައި ދިރިއުޅެންޖެހޭ ހާލަތު އާދެއެވެ. އަތޮޅު ތެރޭގައި ގާއިމުކުރެވޭ މި ފަދަ އަމާން ވެށިތަކުގައި ކުދިން ބޮޑެތިވެގެންދާނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ އެ ކުދިންގެ އާއިލާގެ އެހެން ކުދިންނާއިއެކުގައެވެ. އަދި އެ ކުދިން ހުންނާނީ ރަށުގެ އެހެނިހެން އާއިލާތަކާ ވެސް ގުޅުވައި ދެވިފައެވެ.
އަމާން ވެށިތަކުގައި ދިރިއުޅޭނީ ކަނޑައެޅޭ ވަކި އަދަދެއްގެ ކުދިންނެވެ. އެ ކަމުގެ ސަބަބުން އެ ކުދިންނަށް ބޭނުންވާ ޚާއްޞަ އަޅައިލުމާއި، ބޭނުންވާ ތަރުބިއްޔަތު ފުރިހަމަ ގޮތުގައި ދިނުމަށް އެހީތެރިވެދިނުމުގެ އިތުރުން ކޮންމެ ކުއްޖެއްގެ ވެސް ބޭނުންތައް ފުރިހަމައަށް ދެނެގަނެވިގެން ދާނެ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.
އަދި މުޖުތަމަޢުގެ ތެރޭގައި އެ ކުދިން ބޮޑެތިވުމުގެ ފުރުސަތު ލިބިގެން ދިޔުމުން، މުސްތަޤުބަލުގައި އެކި ޕްރޮގްރާމްތަކާއި ހުނަރުތަކުގެ އެހީގައި އެ ކުދިން ވަޒީފާގެ މާހައުލަށާއި އާންމު ދިރިއުޅުމަށް ނުކުތުމަށް މަގުފަހިވެގެން ވެސް ދާނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ފުވައްމުލައް ސިޓީއާއި ށ. ފުނަދޫއާއި ބ. އޭދަފުށީގެ އިތުރުން ރާއްޖޭގެ އިތުރު 2 ސަރަހައްދެއްގައި އަމާން ވެށިތައް އަންނަނީ ތަރައްޤީ ކުރެވެމުންނެވެ.