މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލައެންސް (މޯޕާ) އިން ކުރިޔަށް ގެންދާ ޕެޓް ރިވަރސް ލޮޖިސްޓިކް ޕްރޮޖެކްޓް ތިމާވެށްޓާއި ބެހޭ ވަޒީރު ޑރ. ހުސެއިން ރަޝީދު އިފްތިތާހު ކޮށްދެއްވައިފިއެވެ.
މި ޕްރޮޖެކްޓް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯޕާގެ ރައީސް އަދި ކުރީގެ ތިމާވެށްޓާއި ބެހޭ ވަޒީރު ތާރިގް އިބްރާހީމް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުނި އުފެދޭ މިންވަރު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުން ކަމަށާއި، އޭގެ ތެރެއިން ގިނައީ އެއްފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް ކަމަށެވެ. އޭގެ ތެރެއިން 50 އިންސައްތަ ޕްލާސްޓިކް ކުނި އުކާލެވެނީ ރެސްޓޯރެންޓްފަދަ ތަންތަނުން ކަމަށް ތާރިގް ވިދާޅުވިއެވެ.
ތާރިގް އިތުރަށް ވިދާޅުވީ މޯޕާއިން ފަށާ ލޮޖިސްޓިކް ޕްރޮޖެކްޓުގައި މިހާތަނަށް 120 ރެސްޓޯރެންޓުން ބައިވެރިވެފައިވާ ކަމަށާއި، އަދި އެތަންތަނުން އުފެދޭ ޕްލާސްޓިކް ކުނި މޯޕާއިން އެއްކުރުމަށްފަހު ޕާލޭ މޯލްޑިވްސްއާއި ގުޅިގެން ރިސައިކަލް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތިމާވެށްޓާއި ބެހޭ ވަޒީރު ޑރ. ހުސެއިން ރަޝީދު ވިދާޅުވީ ދިވެހިރާއްޖެއަކީ މުރަކައިގެ ބަނޑުން އުފަންވެފައިވާ ގައުމެއް ކަމަށާއި، އެހެންކަމުން ދިވެހީން މުރަކައަށް ގެއްލުން ލިބޭ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. ހުސެއިން ރަޝީދު ވިދާޅުވީ ޕްލާސްޓިކަކީ ރާއްޖެއަށް ވަރަށް ފަހުން ތައާރަފްވި އެއްޗެއް ކަމަށާއި، އެކަމަކު މިއަދު ފެންނަމުން މިދަނީ ޕްލާސްޓިކާއި ނުލާ ނޫޅެވޭ މިންވަރަށް ޕްލާސްޓިކަށް ދިވެހީން ބަރޯސާވެފައިވާ ތަން ކަމަށެވެ.
ވަޒީރު ވިދާޅުވީ ތިމާވެށްޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލަ ކަމަށާއި، ކުނި އުފެދޭ މިންވަރު ދަށްކުރުމުން ޕްލާސްޓިކް ބޭނުންކުރާ މިންވަރުވެސް ދަށްވާނެ ކަމަށެވެ. އެހެންކަމުން މިއަހަރު ތިމާވެށްޓާއި ބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރާނެ މަސައްކަތަކީ ކުންޏާއި ދެކޮޅަށް ކުރާ ހަނގުރާމަ ކަމަށްވެސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވަނީ ޕެޓް ރިވަރސް ލޮޖިސްޓިކް ޕްރޮޖެކްޓްގެ ބައިވެރިންނަށް އެކަމުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުންދީފައެވެ. އެގޮތުން މި ޕްރޮޖެކްޓްގެ ޕާޓްނަރުން ކަމަށްވާ ހެޕީ މާކެޓް، މާލޭ އެރޭޓެޑް ވޯޓަރ ކޮމްޕެނީ، އައިލޭންޑް ބެވަރޭޖް މޯލްޑިވްސް އަދި ޕާލޭ މޯލްޑިވްސްއަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ.