ފުލުހުންނަށް ހާއްސަކޮށްގެން ދޫނިދޫގައި އެޅުމަށް ހަމަޖެހިފައިވާ އެކަމަޑޭޝަން ބްލޮކުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެެވެ.
އާދިއްތަ ދުވަހު ހެނދުނު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ މި އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި މުއައްސަސާއެއް ކުރިއަރައި ދިއުމަށްޓަކައި ނުވަތަ ހިދުމަތް ފުރިހަމަކުރުމަށްޓަކައި ދެކަމެއް ބޭނުންވާކަމަށް ވިދާޅުވިއެވެ. އެގޮތުން މަސައްކަތްކުރާ މުވައްޒަފުން އެކަމަށް ބޭނުންވާ ފުރިހަމަ ގާބިލްކަމާއި ހުނަރު އުފައްދައި އެކަމަށް ދޭ އަހަންމިއްޔަތުކަން ފުރިހަމަވެފައި އޮތުމާއި، އެކަމަށް ބޭނުންވާ ފުރިހަމަ ވަސީލަތްތައް ގާއިމްވެ، ހާސިލްވެފައި ހުރުމަކީ މުހިންމުކަމެއްކަން ފާހަގަކުރެއްވިއެވެ.
އަދި ފުލުހުންގެ މުއައްސަސާ ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. އަދި ބިންގާ އެޅިގެންދާ މި އިމާރާތަކީ ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ގެނެސްދީ، މަސައްކަތަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ އިމާރާތަކަށް ވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ މުއައްސަސާ ތަރައްގީ ކުރުމަށާއި މުއައްސަސާގެ އުމްރާނީ ތަރައްގީއަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި ފުލުހުންގެ މުއައްސަސާގެ މަގުސަދުތައް ހާސިލުކުރުމަށް މަސައްކަތްކުރާ ކޮންމެ ފުލުހެއްގެ އެންމެ އިސް ލަނޑުދަނޑިއަކަށް ވާންޖެހޭނީ ރައްޔިތުން ފުލުހުންގެ ހިދުމަތަށް ކުރާ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަށާއި އެ އިތުބާރާއި ޔަގީންކަން އިތުރުކުރުމަށް މަސައްކަތްކުރުންކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު މިއަދު ބިންގާ އެޅިގެންދިޔަ މި އިމާރާތަކީ ވަރަށް ބޭނުންތެރި އިމާރާތެއްކަމަށާއި މިއިމާރާތުގެ ސަބަބުން މުވައްޒަފުންގެ ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
ދޫނިދޫގައި އަލަށް އިމާރާތްކުރާ މި އިމާރާތަކީ ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެކި ކުށްތަކުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ކެއުން ބުއިމުގެ އިންތިޒާމު މިހާރަށްވުރެ ރަނގަޅުކުރުމަށާއި ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންގެ އެކޮމަޑޭޝަން އާއި އޮފީސް ހިންގުމަށް ބޭނުންވާ ޖާގަ ހިމެނޭ ގޮތަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ އިމާރާތެކެވެ.
އެގޮތުން ޒަމާނީ ވަސީލަތްތަކާއެކު ހަ ފަންގިފިލައަށް އިމާރާތްކުރާ މި އިމާރާތުގައި މެސްރޫމާއި ބަދިގޭގެ އިތުރުން މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކްތަކާއި ވީއައިޕީ އެކޮމަޑޭޝަން ބްލޮކަކާއި އޮފީސް ބަޔަކާއި ކުލާސް ރޫމް އަދި ކޮންފަރެންސް ރޫމެއް ހިމެނެއެވެ.