ކ. މާލެ
|
24 ޖެނުއަރީ 2021 | އާދީއްތަ 17:24
އަންހެނުންނަށް ކައުންސިލުން ގޮނޑި ޚާއްސަކުރި މައްސަލައިގައި ޙުކުމް ކުރުމަށް އާދިއްތަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގެ ތެރެއިން
އަންހެނުންނަށް ކައުންސިލުން ގޮނޑި ޚާއްސަކުރި މައްސަލައިގައި ޙުކުމް ކުރުމަށް އާދިއްތަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގެ ތެރެއިން
ރާއްޖެއެމްވީ
އަންހެނުންނަށް ގޮނޑި ޚާއްސަކުރި މައްސަލަ
އަންހެނުންނަށް ކައުންސިލުން ގޮނޑި ޚާއްސަ ކުރުން ޤާނޫނީ ގޮތުން ސައްހަ: ހައިކޯޓް
ވޯޓުލުމުގެ ޙައްޤަށް އުނިކަން އަންނަކަމަށް އަންވަރު ފާހަގަ ކޮށްފައިވޭ
މައްސަލަ ނިންމަވާފައިވަނީ ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ އިއްތިފާޤުން
ދާއިރާތަކުގައި އަންހެނުންގެ ދައުރު އިތުރު ކުރުމަކީ މި ސަރުކާރުންވެސް އިސްކަންދޭ ކަމެއް

ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކުރުމާ ގުޅިގެން ޖުމްހޫރި ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރު ހައިކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލައިގައި ހައިކޯޓުން ޙުކުމް ކޮށްފިއެވެ.

އާދިއްތަ ދުވަހު މި މައްސަލައިގެ ޙުކުމް ކުރުމަށް ހައިކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ނިންމާފައިވަނީ ކައުންސިލުތަކުން އަންހެނުންނަށް ގޮނޑި ޚާއްސަ ކުރުމަށް ނިންމާފައިވާ ނިންމުން ރަނގަޅު ކަމަށެވެ. ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުޙައްމަދު ނިޔާޒާއި، އިސްފަނޑިޔާރު ޙާތިފް ޙިލްމީއާއި، ފަނޑިޔާރު އަބްދުލްރައޫފް އިބްރާޙިމްއާއި، ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން، ފަނޑިޔާރު ހުސައިން ޝަހީދެވެ.

އަންވަރުގެ ފަރާތުން ހުށައެޅި މި މައްސަލައިގައި ބުނެފައިވަނީ ކައުންސިލުތަކުގެ ވަކި އިންސައްތައެއް އަންހެނުންނަށް ޚާއްސަ ކުރުމުން، ވޯޓުލުމުގެ ޙައްޤަށް އުނިކަން އަންނަ ކަމަށާއި، މިނިވަންކަމާއެކު މަންދޫބުން އައްޔަނު ކުރުމުގެ ޙައްޤަށްވެސް ހުރަސް އެޅޭ ކަމަށެވެ. އަދި ސިޓީ ކައުންސިލުތަކުގެ ބައެއް ދާއިރާތަކުގެ ފިރިހެނުންނަށް އެމީހުން ނިސްބަތްވާ ކައުންސިލުގެ އިންތިޚާބީ ދާއިރާތަކުގައި ވާދަ ކުރުމުގެ ޙައްޤު އެއްކޮށް ގެއްލިގެންދާކަންވެސް އަންވަރު ހުށައެޅި މި މައްސަލައިގައި ފާހަގަ ކޮށްފައިވެއެވެ.

މި މައްސަލައިގައި ދައުވާލިބޭ ބަންޑާރަނައިބްގެ އޮފީހުން މީގެ ކުރިންވެސް ވަނީ މި ޤާނޫނުގެ ސަބަބުން ޖިންސީ ގޮތުން ތަފާތު ނުވާކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ގޮތުން ހިންގުމުގެ ޤާނޫނަށް އިސްލާޙުތަކެއް ގެންނަން ޖެހޭކަން ފާހަގަ ކުރައްވައި ބަންޑާރަނައިބް އޮފީހުގެ ވަކީލު ވިދާޅުވީ، މި ދާއިރާތަކުގައި އަންހެނުންގެ ދައުރު އިތުރު ކުރުމަކީ މި ސަރުކާރުންވެސް އިސްކަންދޭ ކަމެއް ކަމަށެވެ.

ވަކީލު ވިދާޅުވީ، މުޖުތަމައުގެ އާންމު ޙާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް ނުވަތަ ބަޔަކަށް ނުވަތަ އިޖުތިމާއީ ގޮތުން ޚާއްސަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެދިނުމަށްޓަކައި ކުރާ ކަންކަމަކީ ތަފާތު ކުރުން ކަމަށް ނުބެލެވޭކަމަށް ސީދާ ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރަން ޖެހޭ ގޮތަށް ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހަކީ އެ އަސާސްގެ މައްޗަށް ބިނާވެގެންވާ އިސްލާޙެއްކަމަށް ވަކީލު ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ، މިއީ ބައިނަލްއަޤުވާމީ ގޮތުންވެސް މިހާރު ބަލައިގެންފައިވާ އުސޫލުތަކެއް ކަމަށެވެ. އަދި އެކަން ބޭރުގެ ޤައުމުތަކުގެ ނިންމުންތަކުންވެސް ފެންނަން އޮތްކަން ވަކީލު ފާހަގަ ކުރެއްވިއެވެ. އަދި އަންހެނުންނަށް ވަކި ގޮނޑިތަކެއް ހާއްސަކޮށްފައި އޮތުމަކީ ގާނޫނު އަސާސީއާ ތައާރަޒުވާ ކަމެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް އޭޖީ އޮފީހުން ވަނީ އެދިފައެވެ.

މި މައްސަލައިގައި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމަވާފައިވަނީ ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކުރުމަކީ ސައްހަ ނިންމުމެއް ކަމަށެވެ. އަދި އެއީ ޤާނޫނުން ހުއްދަ ކޮށްފައިވާ ތަފާތުކުރުންތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްފައިވާ އިސްލާޙުތަކެއް ކަމަށާއި، އެއީ ޤާނޫނުއަސާސީއާ ތައާރުޒުވާ އިސްލާޙުތަކެއް ނޫންކަންވެސް ހައިކޯޓުގެ ޙުކުމުގައި ފާހަގަ ކޮށްފައިވެއެވެ.

ކައުންސިލްތަކުން 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރުމަށް ނިންމާފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 76 ވަނަ ޖަލްސާއިން ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްވެގެން ދިޔުމާއެކުއެވެ. ޤާނޫނަށް މިއިޞްލާޙު ގެނައުމަށް ލާމަރުކަޒީ ކޮމިޓީން ފާސްކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް މިކަމަށް އަމާޒުވެގެން ދިޔަތަން ފެނިގެން ދިޔައެވެ. އޭގެ ތެރޭގައި ޚުދު ރައްޔިތުންގެ މަޖިލީހުގައި ހިމެނި ވަޑައިގަންނަވާ މެމްބަރުންވެސް ތިއްބެވި އެވެ.

- ކޮމެންޓް