މާރާމާރީގެ ދެ މައްސަލައަކާ ގުޅިގެން ހޯދަމުންދާ ދެ ބިދޭސީއެއްގެ ފޮޓޯ އާއްމުކޮށްފިއެވެ.
ފުލުހުން ބުނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ މާރާމާރީގެ ދެ މައްސަލައަކާ ގުޅިގެން ދެ ބިދޭސީއަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަނގުލަދޭޝް ރައްޔިތެއްކަމަށްވާ މުހައްމަދު ބޮކިލް ހޮސައިން (31އ) އާއި ބަނގުލަދޭޝް ރައްޔިތެއްކަމަށްވާ މުހަމަދުލް ހަސަން (41އ) އެވެ.
ފުލުހުން ބުނީ މި ދެމީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅައި ހިއްސާކުރުމަށް އެދޭ ކަމަށެވެ.
ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި ހައްލުކުރެވިފައި ނުވާ ބޮޑު މައްސަލައެކެވެ. ގާނޫނާއި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީން ގައުމަށް ފޮނުވުމުގެ މަސައްކަތްތައް ކުރަމުންދާއިރު، އަދިވެސް ފިލައިގެން ގިނަ އަދަދެއްގެ ބިދޭސީން މާލޭގެ އިތުރުން އަތޮޅުތެރޭގައި ދިރިއުޅެމުންދެއެވެ. އެގޮތުން ވައްކަންތަކާއި މާރާމާރީ ފަދަ ބޮޑެތި މައްސަލަތަކުގައި ބައެއް ބިދޭސީން ބައިވެރިވާކަން ފާހަގަކުރެވިފައިވެއެވެ.