ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވެދެ އުޅުނު މީހަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.
ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ބިދޭސީއަކު ވަނުމާ ގުޅިގެން އެ ވަގުތު މިސްކިތުގެ ތެރޭގައި ތިބި ބަޔަކު ވަނީ އޭނާ ބޭރަށް ނެރެފައެވެ. އެވީޑިއޯ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލް ވެފައިވާއިރު، ފިލަން މަސައްކަތްކުރާ ކަމަށް ބުނެ، އެމީހާ ވައްޓާލާތަން މި ވީޑިއޯއިން ފެނެއެވެ. އޭގެފަހުން ފުލުހުން އައިސް އެ މީހާ ހައްޔަރުކުރެއެވެ.
މިހިނގާ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ އިޝާ ނަމާދަށްފަހު ހިނގި މިހާދިސާއާ ގުޅިގެން ފުލުހުން ބުނީ އެމީހާ މިހާރު ދޫކޮށްލާފައިވާ ކަމަށާއި، އެމީހާގެ ސްޕޮންސަރއާ ގުޅިގެން މިހާރު ބަންގްލަދޭޝްއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފުލުހުން ބުނީ އެމީހާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިމައްސަލަ ވަރަށް ގާތުން ބަލަމުންދާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.