މާލެ ސްޓްރީޓް ސްކޭޕިންގގެ ދަށުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާފަންނު ޝަހީދު އަލީ ހިނގުމުގައި މަސައްކަތް ފަށައިފިއެވެ. އެގޮތުން މިމަގުގެ މަސައްކަތް ފަށާފައިވަނީ ޝަހީދު އަލީ ހިނގުން ބްލޮކް 1ގެ މަސައްކަތްކަމަށް މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑޮިވެލޮޕްމަންޓް ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.
މަގުހެދުމުގެ މަސައްކަތް ފުރަތަމަ ފަށާފައިވަނީ މާފަންނު ކަނބާއައިސާރަނި ހިނގުމުންނެވެ. މިމަގުގެ ފުރަތަމަ ބައިގެ މަސައްކަތް ނިންމައި ބޭނުންކުރުމަށް އާއްމުކޮށް ހުޅުވައިލާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އަދި މިހާރު ވަނީ އެ ސަރަޙައްދުގެ އިތުރު 2 މަގުގެ މަސައްކަތް ވެސް ފަށައި، މަސައްކަތުގެ ބޮޑު ބައެއް ނިމިފައެވެ.
މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ މަސައްކަތް ހެންވޭރުގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް ވެސް މާލެ ސިޓީކައުންސިލުން ވަނީ ހާމަކޮށްފައެވެ.
މާލޭ ސިޓީ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް ޑިޒައިންކުރެވުނީ މާލޭގެ ހުރިހާ މަޖްލިސް މެމްބަރުންނާއި، ކައުންސިލަރުންނާއި، ކަމާގުޅޭ ހުރިހާ ފަރާތްތަކާ މަޝްވަރާކޮށްގެން ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ. އަދި ޑިޒައިން ކުރެވުނީ މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ސިޓީކައުންސިލުން ގުޅިގެން ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި މަޝްރޫޢުގެ ދަށުން މާލޭގެ އެކި ސަރަޙައްދުތަކުން 18.08 ކިލޯ މީޓަރގެ މަގު ހެދޭނެ ކަމަށެވެ. އަދި މަޝްރޫޢުގެ ދަށުން މަގުތައް ހަދާއިރު 4 ވައްތަރެއްގެ މަގު ހިމެނޭނެ ކަމަށެވެ. އެއީ އާރޓީރިއަލް މަގުތަކާއި، ސިޓީ ރޯޑްސްއާއި، ސެކަންޑަރީ ރޯޑްސްގެ އިތުރުން ނެއިބަރ ހުޑްޕެޑެސްޓްރިއަން ރޯޑެވެ. ކައުންސިލުން ބުނީ ކަރަންޓާއި ފެނާ ނަރުދަމާއާއި ޑީވޯޓަރިންގ އާއި އެހެނިހެން ޚިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް، މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭގޮތަށް ފަރުމާކުރެވިފައިވާނެ ކަމަށެވެ. މީގެ އިތުރުން، އިތުރަށް ލެވޭ ހޮޅިތަކުގެތެރޭގައި ފަޔަރ ހައިޑްރާންޓް ހޮޅިއާއި، ގޭސް ހޮޅި ހިމެނޭނެ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މަޝްރޫޢުގެ އަންދާޒާ އަގަކީ 462 މިލިއަން ރުފިޔާ ކަމަށެވެ. ފުރަތަމަ ސެގްމެންޓުގެ އަގުގެ ގޮތުގައި 50.96 މިލިއަން ކަނޑައެޅިފައިވާއިރު ޕައިލެޓް ޕްރޮޖެކްޓްގެ ގޮތުގައި ފަށާނީ ވެސްޓް ޕާކް ސަރަޙައްދުން ކަމަށެވެ. އަދި އެސަރަޙައްދުން 7 މަގެއް ހެދޭނެ ކަމަށާއި އެ މަގުތަކުގެ ދިގުމިނުގައި 1.94 ކިލޯ މީޓަރ ހުންނާނެ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މި މަޝްރޫޢުގެ މަޤްޞަދުތަކުގެ ތެރޭގައި މާލޭގެ މަގުތަކަކީ ހުރިހާ އުމުރުފުރައެއްގެ މީހުނަށް ފަސޭހަ މަގުތަކަށް ހެދުމާއި، ހުރިހާ އުމުރުފުރާއެއްގެ މީހުނަށް ވެސް ރައްކާތެރި މަގުތަކަށް ހެދުން ހިމެނޭ ކަމަށެވެ. އަދި ފަސޭހަކަމާއެކު އެއްތަނުން އަނެއްތަނަށް ޒަރޫރީ ބޭނުންތަކަށް ދަތުރުފަތުރުކުރެވޭނެ މަގެއް ހޯދައިދިނުމުގެ އިތުރުން މަގުތަށް ފެންބޮޑުވުން ހުއްޓުވައި، އަބަދު ކޮނެފައި އޮންނަ އޮތުމަށް ނިމުމެއް ގެނައުން ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
މީގެއިތުރުން ހުރިހާ މަގެއްގައި ވެސް ދެފަރާތުގައި ގޭގެއިން ނުކުމެ ވަދެލާ އުޅެވޭފަދަ ޕޭވްމަންޓެއްޤާއިމްވެފައި އޮތުމުގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ޤާއިމްކޮށް ސައިކަލާއި ޓެކްސީއަށް ބަރޯސާވުން ކުޑަކޮށް، މަގުތަކުގެ ތޮއްޖެހުން ހުއްޓުވުން ވެސް މަޝްރޫޢުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި މަގުތަކުގައި ޕާކިންގގެ ފުރިހަމަ ނިޒާމެއް ގާއިމްކުރުމަށް ޕާކިންގ ބިލްޑިންގްތައް ގާއިމްކޮށްދިނުމާއި މުދާ ބޭލުމާއި އެރުވުމަށް އަދި މަގުތައް ބޭނުންކުރުމުގެ ފުރިހަމަ އުސޫލެއް އެކަށައަޅައި ތަންފީޒުކުރުން ވެސް ހިމެނެއެވެ.