އދ. ނިއުކްލިޔާ ހަތިޔާރު މަނާކުރާ މުޢާހަދާ، ޓްރިޓީ އޮން ޕްރޮހިބިޝަން އޮފް ނިއުކްލިޔާ ވެޕަންސް (ޓީޕިއެންޑަބްލިއު) އަށް އަމަލުކުރަން ފެށުމާއެކު ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.
މިކަން ހާމަކުރައްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އދ. ގައި ހިމެނޭ އެހެން ގައުމުތަކެކޭ އެއް ފަދައިން ރާއްޖެއިން އެ މުޢާހަދާ ގައި ބައިވެރިވުމަކީ ދުނިޔެ އަކީ ނިއުކްލިޔާ ހަތިޔާރު ނައްތާލެވިފައިވާ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތާ ގާތަށް އެޅުނު ތާރީޚީ ފިޔަވަޅެއް ކަމަށެވެ. މިއީ އިންސާނިއްޔަތަށް ލިބުނު ނަަސްރެއް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
މި މުޢާހަދާ ފާސްކޮށްފައިވަނީ 122 ގައުމުގެ ތާއިދާއެކުއެވެ. ނަމަވެސް ރަސްމީ ގޮތުން ނިއުކްލިޔާ ހަތިޔާރު މަނާކުރުމާ ދެކޮޅު މުޢާހަދާއަށް ރަސްމީގޮތުން ޢަމަލުކުރަން ފެށީ ހުކުރު ދުވަހުއެވެ.
ނިއުކްލިއާ ހަތިޔާރު އެއްކޮށް ނައްތާލާ އދ. ގެ މުޢާހަދާ 2017 ވަނަ އަހަރު ފާސްކޮށްފައިވާ މުޢާހަދާއެކެވެ. މި މުޢާހަދާގައި ބުނާ ގޮތުން އަލަށް ބައިވެރިވާ ގައުމުތަކުން އެއްވެސް ބާވަތެއްގެ ނިއުކްލިއާ ހަތިޔާރެއް އުފެއްދުން ނުވަތަ ގެންގުޅުން މަނާވާނެއެވެ. އެކަމަކު ނިއުކްލިއާ ހަތިިޔާރު ހުރި ގައުމުތަކުން އެ މުޢާހަދާގައި ބައިވެރިވާނަމަ، އެ ތަކެތި ނައްތާލަން ވަކި މުއްދަތެއް ލިބޭނެއެވެ.
ދުނިޔެއިން ނިއުކްލިއާ ހަތިޔާރުތައް އެއްކޮށް ނައްތާލުމަށް ބާރުއެޅުމަށް ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މިދިޔަ އަހަރު މިނިސްޓަރ ޝާހިދު ވިދާޅުވެފައިވަނީ ރާއްޖެ އަކީ މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައި ވެސް ހަތިޔާރު އުފައްދާނެ ގައުމެއް ނޫން ކަމަށާއި "ޓްރީޓީ އޮން ނޮން-ޕްރޮލިފަރޭޝަން އޮފް ނިއުކްލިއާ ވެޕަންސް" މުޢާހަދާގައި އެންމެ ފުރަތަމަ ސޮއިކުރި އެއް ގައުމަކީ ދިވެހި ރާއްޖެ ކަމަށެވެ.
ސަރަހައްދީ ސަލާމާއި ރައްކާތެރިކަމަށްޓަކައި ރާއްޖެއިން އަދާކުރަން ޖެހޭ ބައިނަލްއަޤުވާމީ ޒިންމާތައް ރާއްޖެއިން އަދާކުރަމުންދާކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ އާމްސް ޓްރޭޑް ޓްރީޓީ، ކްލަސްޓާ މިއުނިޝަން ކޮންވެންޝަން އަދި ނިއުކްލިއާ ޕްރޮހިބިޝަން ޓްރީޓީގައި ވެސް ރާއްޖެއިން ބައިވެރިވެފައިވާ ކަމަށެވެ.