މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް (އެމް.ސީ.އައި.އެފް) ދަށުން ހިންގަމުން ދިޔަ ސައުތު އޭޝިޔަން އިންސްޓިޓިއުޓް އޮފް އިސްލާމިކް ފައިނޭންސް (ސައީފް) އާއި ''ލާބަ'' މަޖައްލާ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް)ގެ ދަށަށް ގެނެސްފިއެވެ.
އިސްލާމިކް ފައިނޭންސް އާއި އިސްލާމިކް ބޭންކިންގ އާއި ތަކާފުލާއި އިސްލާމިކް ކެޕިޓަލް މާކެޓާއި ޝަރީޢާ ހުއްދަކުރާ ޓޫރިޒަމް ފަދަ އޭރިއާތަކުން ތަޢުލީމު ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު ކޯސްތައް ހިންގުމާއި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްޓަކައި އެމް.ސީ.އައި.އެފް ލިމިޓެޑް ގެ ދަށުން 2016 ވަނަ އަހަރު އުފައްދައިފައިވާ ސައީފް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަށަށް، 31 ޑިސެންބަރ 2020 ގައި ވަނީ ގެނެވިފައެވެ. އަދި ސައީފްގެ ފަރާތުން (އަހަރަކު އެއްފަހަރު ނުވަތަ އެނޫން ވެސް އެއްބަސްވެވޭ ގޮތަކަށް) ނެރޭ "ލާބަ" މަޖައްލާގެ މަސައްކަތްތައް ވެސް ޔުނިވަރސިޓީގެ ދަށަށް ވަނީ ގެނެސްފައެވެ.
ޔުނިވަރސިޓީން ރަސްމީކޮށް ސައީފްއާ ހަވާލުވެފައި ވަނީ ބުރާސްފަތި ދުވަހު ޔުނިވަރސިޓީގައި ބޭއްވުނު އެކަމަށް ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެގޮތުން ސައީފްގެ ހިންގުން ރަސްމީކޮށް ޔުނިވަރސިޓީއާ ހަވާލުކުރެއްވީ އެމް.ސީ.އައި.އެފް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ދީދީއެވެ. އަދި ޔުނިވަރސިޓީގެ ފަރާތުން ހަވާލުވެވަޑައިގަތީ އައި.ޔޫ.އެމް.ގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ.
ޔުނިވަރސިޓީގެ ދަށަށް މި އިންސްޓިޓިއުޓް ގެނައުމާއި ގުޅިގެން އިސްލާމިކް ފައިނޭންސް އާއި އިޤްތިޞާދާއި ވިޔަފާރީގެ ދާއިރާއިން ތަފާތު ފެންވަރުގެ ޕްރޮގްރާމްތައް ހިންގުމާއި ދިރާސާތައް ކުރުމާއި އާންމުން ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ޔުނިވަރސިޓީއަށް ލިބިގެންދާނެއެވެ. އަދި ކުރިއަށް އޮތްތާގައި އިންސްޓިޓިއުޓް ގެ މުހިންމު (ނުވަތަ ރިސާލަތު) ގެ މައްޗަށް ބިނާކޮށް މިހާރު ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ފުޅާ ކުރެވިގެންދާނެއެވެ.
އެގޮތުން، އިސްލާމިކް ފައިނޭންސް އާއި އިޤްތިޞާދާއި ވިޔަފާރީގެ ދާއިރާއިން ތަފާތު ފެންވަރުގެ ކޯސްތައް ހިންގުމާއި، އިސްލާމިކް ފައިނޭންސް އާއި އިޤްތިޞާދާއި ވިޔަފާރީގެ ދާއިރާއިން ދިރާސާ ކުރުމާއި، އިސްލާމިކް ފައިނޭންސް އާއި އިޤްތިޞާދާއި ވިޔަފާރީގެ ދާއިރާއިން ކުރު މުއްދަތުގެ ކޯސްތައް ހިންގުމާއި، އިސްލާމިކް ފައިނޭންސިންއާ މެނެޖްމަންޓްގެ ދާއިރާއިން ސެޓިފިކޭޝަން ޕްރޮގްރާމްތައް ހިންގާނެ ކަމަށް އައިޔޫއެމްއިން ބުނެއެވެ.
މީގެ އިތުރުން، އިސްލާމިކް ފައިނޭންސް އާއި އިޤްތިޞާދާއި ވިޔަފާރީގެ ދާއިރާއިން އާންމުން ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގުމަށް ޔުނިވަރސިޓީން ވަނީ އަމާޒުހިފާފައެވެ. އަދި ޔުނިވަރސިޓީގެ ދަށަށް ގެނެވުނު "ލާބަ" މަޖައްލާގެ ސަބަބުން އިސްލާމިކް ފައިނޭންސް އާއި އިޤްތިޞާދާއި ވިޔަފާރީގެ ދާއިރާއިން މީހުން ހޭލުންތެރި ކުރުވުމާއި އިސްލާމީ މާލީ މުޢާމަލާތުތައް ތަޢާރަފްކުރުމާއި، މިދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިވެގެން ދިއުމުގެ ފުރުސަތު ޔުނިވަރސިޓީއަށް ފަހިވެގެންދާނެއެވެ.