25 އަހަރަށް ފަހު މާލެ ވޯޓަރ އެންޑް ސިވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) ގެ ލޯގޯއަށް ބަދަލުގެނެސް ރިވޭމްޕްކޮށްފިއެވެ.
ރިހި ފަންސަވީހުގެ ނަމުގައި އެމް.ޑަބްލިއު.އެސް.ސީ.އިން ކުންފުންޏަށް 25 އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން ކުންފުނީގެ އައު ލޯގޯ ވަނީ އިފްތިތާޙްކޮށްފައެވެ. ފެން ބިލްޑިންގް ކައިރީގައި އޮތް ރަސްމިއްޔާތެއްގައި ލޯގޯ އިފްތިތާޙްކޮށްދެއްވީ އެމް.ޑަބްލި.އެސް.ސީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާހެވެ.
އެމް.ޑަބްލިއު.އެސް.ސީ.އިން 25 އަހަރަށްފަހު ކުންފުނީގެ ލޯގޯ ރިބްރޭންޑްކޮށްފައިވާއިރު، އައު ލޯގޯގައި ކުރީގެ ލޯގޯގެ ގިނަ ފީޗަރސްތަކެއް ވަނީ ހިމަނާފައެވެ. އައު ލޯގޯއަށް ބަލައިލުމުން ލޯގޯއަށް މާބޮޑެތި ބަދަލުތަކެއް ގެނެސްފައި ނެތްކަން ފާހަގަވެެއެވެ. އެގޮތުން އައު ލޯގޯގައި އެމް.ޑަބްލިއު.އެސް.ސީގެ ކުރީގެ ލޯގޯގައި ބޭނުންކުރި ފެއްސާއި ނޫކުލަ ގަދަކޮށްފައިވާއިރު، މިއީ މި އަހަރުތަކުގައި ކުންފުނީގެ ކާމިޔާބީ ރަމްޒުކޮށްދޭކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ ކުރިން ލޯގޯގެ ތިރީގައި އެމް.ޑަބްލިއު.އެސް.ސީ އިނގިރޭސިން ލިޔެފައިވަނީ ހަމައެކަނި ނޫކުލައިންނެވެ. އެހެންނަމަވެސް، އައު ލޯގޯގައި މި ލިޔުންކޮޅު ލިޔެފައިވަނީ ފެއްސާއި ނުލުުގެ އެކި ޝޭޑްތައް ބޭނުންކޮށްގެންނެެވެ.
ސަރުކާރުގެ ފެން ކުންފުނި ވުޖޫދަށް އައިސްފައި ވަނީ 1 އޭޕްރީލް 1995ގައި މާލެއަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގެން ވަނީ ސްޓެލްކޯފަދައިން އެމްޑަބްލިއުއެސްސީއަކީ ވެސް، ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭ ޔޫޓިލިޓީ ކުންފުންޏަކަށް ވަނީ ބަދަލުކޮށްފައެވެ.