ގއ.ވިލިނގިލީގައި އިއުލާންކޮށްފައިވާ މޮނިޓަރިންގެ ހާލަތު އުވާލައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިލިނގިލީގައި އިޢުލާންކޮށްފައިވާ މޮނިޓަރިންގެ ހާލަތު އަންގާރަ ދުވަހުގެ ރޭ އުވާލާފައި ވަނީ މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މި ވަގުތު ނެތުމުންނެވެ. އަދި މޮނިޓަރިންގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަވަޅުތައް އަންގާރަ ދުވަހުން ފެށިގެން ނިމުމަކަށް އަންނާނެ ކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ.
ވިލިނގިލި މޮނިޓަރިންގެ ހާލަތަށް ގެނެވިފައި ވަނީ މި ހިނގާ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. މޮނިޓަރިންގެ ހާލަތު އުވާލި ނަމަވެސް ހުރިހާ ފަރާތްތަކުން ވެސް ބަލިން ރައްކާތެރިވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެރަށުގެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ގއ.ދެއްވަދޫ ކްލަސްޓަރއާ ގުޅިގެން އެރަށަށް ދިޔަ ވިލިނގިލީ ސްކޫލު ކުއްޖަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާއިރު، އެގޭގައި ދިރިއުޅުނު އިތުރު ސްކޫލު ކުއްޖެއް ވެސް ޕޮޒިޓިވްވެފައިވެއެވެ. ނަމަވެސް އިތުރު ކޭސްއެއް އެރަށުން ފެނިފައެއް ނުވެއެވެ.
ވިލިނގިލީ ކޮވިޑް ފެސިލިޓީގައި މިހާރު 9 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އެއީ ދާންދޫގެ 4 މީހަކާއި ދެއްވަދޫގެ 5 މީހުން ކަމަށް ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަހުމަދު ވިދާޅުވެފައިވެއެވެ.