ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އަދާލަތު ޕާޓީން އިތުރުކޮށްފިއެވެ.
އަދާލަތު ޕާޓީން ބުނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ހަވީރު 04:00 ގެ ކުރިން ފޯމް ހުށަހަޅަންޖެހޭ ކަމަށެވެ. މިއީ އަލުން މުއްދަތު އިތުރު ކުރި ދެވަނަ ފަހަރެވެ.
އަދާލަތު ޕާޓީގެ ރައީސް އަދި ނައިބު ރައީސްކަމުގެ މަގާމަށް އަންހެނުންނަށް ކުރިމަތިލެވޭނެ ގޮތަށް ޕާޓީގެ އަސާސީ ގަވާއިދު ބަދަލުކުރުމަށް ފަހު، އެ މަގާމުތަކަށް ކުރިމަތިލާން އަލުން ހުޅުވާލީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާއިރު މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ރައީސްގެ މަގާމަށް ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވަނީ ކުރިމަތިލައްވާފައެވެ.
މިކަން ހާމަކުރައްވާ މިނިސްޓަރު ޢިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ މުއްދަތަށް އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމެވީ ގައުމުގެ ހާލަތު ހުރި ގޮތުން އަދާލަތު ޕާޓީ އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގައި އޭނާގެ ދައުރު މުހިންމު ކަމަށް ޕާޓީގެ ގިނަ މެންބަރުން ފާހަގަކުރާތީ ކަމަށް ވެސް ޢިމްރާން ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް މިނިސްޓަރު ޢިމްރާން ކުރިމަތިލެއްވިއިރު، އެ ޕާޓީގެ ރައީސްގެ މަގާމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލު ވަނީ ގެނެސްފައެވެ. އަދާލަތު ޕާޓީގެ އެތެރޭގެ އިންތިޚާބު މި މަހުގެ 23 ވަނަ ދުވަހު ބާއްވަން އިޢުލާނު ކުރި ހިސާބުން ފެށިގެން އެ ޕާޓީގެ އިސް މަގާމުތަކަށް އަންހެނުންނަށް ކުރިމަތި ނުލެވޭ މައްސަލައިގެ ޝަކުވާތައް ޕާޓީ ތެރޭގައި އޭރު ބޮޑުވިއެވެ.
އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު ބާއްވަން ނިންމައިފައިވަނީ އޮންލައިންކޮށެވެ. އެގޮތަށް ނިންމީ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު މިހާރު ވަނީ އާންމުކޮށްފައެވެ.
ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ ރިޔާސީ އިންތިޚާބު މި މަހުގެ 30 ވަނަ ދުވަހު އޮންނާނެއެވެ.