ޅ.އަތޮޅުގައި އެމްއެންޑީއެފްގެ ޚާއްޞަ ތަމްރީންތަކެއް ކުރިއަށްދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް 2021 ޖަނަވަރީ 24 އިން 27 ޖަނަވަރީ 2021 އަށް ކޮންމެ ދުވަހަކު 17:00 އިން 18:00 އަށް ޅ.މާފިލާފުށި، ޅ.މާކޯ، ޅ.މެދުފުށި އަދި ޅ.މީދާހުރާގައި ޚާއްޞަ ތަމްރީނުތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަން އެއޮތޯރިޓީއަށް އަންގާފައިވާ ކަަމަށެވެ.
އެހެންކަމުން އެސަރަޙައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަމެއްދީގެން ދަތުރުފަތުރުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
މިތަމްރީންތަކާބެހޭ ގޮތުން ޑިފެންސް މިނިސްޓްރީން ބުނީ ހަތިޔާރުގެ ގޮތުގައި ބޭނުންކުރާނީ މިނީ ފްލޭއަރ، ޕެރަޝޫޓް ފްލޭއަރ ކަމަށެވެ. އަދި ތަމްރީނުގެ ބޭނުމަށް ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 300 މީޓަރ ކަމަށާއި، ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 300 މީޓަރ ކަމަށެވެ.
އޭގެ އިތުރުން، ވައިގެ ސަރަޙައްދު ބޭނުން ކުރާނެ އެންމެ ތިރިމިނަކީ ސީ ލެވެލް ކަމަށާއި، ވައިގެ ސަރަހައްދު ބޭނުން ކުރާނެ މިސްރާބަކީ ޅ.މާފިލާފުށި، މާކޯ، މެދުފުށި އަދި މީދާހުރާއާ ދިމާ މަތި ކަމަށް ޑިފެންސް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
އެމްއެންޑީއެފުން ސިލްސިލާކޮށް އެކި ބާވަތުގެ އަސްކަރީ ތަމްރީނުތައް ހިންގަމުން ދާއިރު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭރުގެ ގައުމުތަކާ ގުޅިގެން ވެސް ޚާއްޞަ ތަމްރީންތައް ބާއްވަމުންދެއެވެ.