ރާއްޖޭގައި ޓެކްސީ ހިދުމަތްދޭ ހަމައެކަނި އަންހެން ޑްރައިވަރު އައިމިނަތު ވަހީދާ އަށް ތައުރީފްކުރައްވާ އޭނާއާ ބައްދަލުކޮށްލައްވަން ބޭނުންވާ ކަމަށް އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރަން ރޮސްލާ ވިދާޅުވެއްޖެ އެވެ.
އައިންތު ޓެކްސީކުރަން ފެށީއްސުރެއް އޭނާގެ ކާރަށް އެކި ގެއްލުންދިނުމާއި އެކި ގޮތްގޮތުން އޭނާ އަށް ފުރައްސާރަކުރާ މައްސަލަތައް ވަނީ އެކި ފަހަރުމަތިން ފެންމަތިވެފަ އެވެ. އެކަމަކު އައިންތު އަންނަނީ އޭނާގެ މަސައްކަތް ހުއްޓާނުލާ ހިތްވަރާ އެކު ކުރަމުންނެވެ.
އޭނާގެ އެ ހިތްވަރަށް އެތައް ބައެއްގެ ތައުރީފް ލިބިފައިވަނިކޮށް އިނގިރޭސި ސަފީރު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ބިރުދެއްކުމާއި އެކި ކަހަލަ ކުރިމަތިލަމުން ކުރިއަށްދާން އާދަޔާ ހިލާފް ހިތްވަރެއް ބޭނުންވާނެ ކަމަށެވެ. އަދި ކޮންމެވެސް ދުވަހަކުން އައިންތުއާ ބައްދަލުކުރައްވަން ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ.
2018 ވަނަ އަހަރުން ފެށިގެން އައިންތުގެ ކާރަށް މިހާތަނަށް ފަސް ފަހަރު ގެއްލުންދީފައިވާ ކަމަށް އައިންތު ބުނެފައި ވާއިރު އެންމެ ފަހުން އޭނާގެ ކާރަށް ގެއްލުންދިނީ ޑްރަގް ކޯޓު ކުރިމަތީގައި އޮއްވަ އެވެ. އެ މައްސަލައިގައި މިހާރު މީހެއްގެ މައްޗަށް މުދަލަށް ގެއްލުންދިންކަމުގެ ދައުވާ އުފުލާފައިވާއިރު މިއީ އައިންތު އަށް ފުރައްސާރަ ކުރާ މައްސަލައެއްގައި މީހަކަށް ދައުވާކުރި ފުރަތަމަ ފަހަރެވެ. ދައުވާ ކުރީ ގ. އާފަތިސްގެ މުހައްމަދު ހަމްދޫން އަހުމަދުގެ މައްޗަށެވެ.