އަވައްޓެރި އިންޑިއާގެ ކޮވިޑް ވެކްސިން ބުދަ ދުވަހު ރާއްޖެއަށް ލިބޭނެ ކަމަށް އެ ޤައުމުގެ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.
"އިންޑިއަން އެކްސްޕްރެސް"ގައި ރިޕޯޓް ކޮށްފައިވާ ގޮތުން ބުދަ ދުވަހު ރާއްޖެއަށް އިންޑިއާގެ ވެކްސިން ލިބިގެން ދިއުމާއެކު، ރާއްޖެ ވެގެންދާނީ އިންޑިއާގެ ވެކްސިން ލިބޭ ފުރަތަމަ ޤައުމަށެވެ. އެގޮތުން މި ކަމަށްޓަކައި ދިވެހި ސަރުކާރުން ވެސް ފެހި ސިގްނަލް ލިބިފައިވާ ކަމަށް އިންޑިއާގެ ސަރުކާރުގެ އޮފިޝަލުންނާ ޙަވާލާދީ އެ ނޫހުގައި ރިޕޯޓް ކޮށްފައިވެއެވެ.
އެ ނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުން އިންޑިއާއިން ފޯރުކޮށްދޭ ވެކްސިނަކީ އެ ޤައުމުގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ އޮކްސްފޯރޑް އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިނެވެ.
އޭގެ އިތުރުން، އިންޑިއާއިން ފޯރުކޮށްދޭ ވެކްސިން ޖަހާނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްޙީ އޮފިޝަލުންނާއި އުމުރުން ދުވަސްވީ މީހުންނަށް ކަމަށްވެސް އެ ނޫހުގައި ރިޕޯޓް ކޮށްފައިވެއެވެ. އަދި އެއަރ އިންޑިއާގެ ފްލައިޓެއްގައި ބުދަ ދުވަހުގެ މެންދުރު 2:00 ގައި ރާއްޖެއަށް ވެކްސިން ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް ރިޕޯޓް ކޮށްފައިވެއެވެ.
އިންޑިއަން އެކްސްޕްރެސްގެ އިތުރުން އެ ޤައުމުގެ އެހެންނޫސްތަކުންވެސް މި ޚަބަރު ރިޕޯޓް ކޮށްފައިވެއެވެ. އެހެން ނަމަވެސް، ރާއްޖޭގެ ރަސްމީ މަސްދަރަކުން އެކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އެހެން ނަމަވެސް އިންޑިއާގެ މިނިސްޓްރީ އިފް އެކްސްޓާނަލް އެފެއާޒްއިން ނެރުނުބަޔާނެއްގައިވަނީ ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭކަން ކަށަވަރުކޮށްދީފައެވެ.
އިންޑިއާގެ ނޫސްތަކުން އެހެން ރިޕޯޓް ކޮށްފައިވާއިރު، އިންޑިއާއިން ވަރަށް އަވަހަށް ރާއްޖެއަށް ކޮވިޑް-19 ވެކްސިން ފޯރުކޮށްދޭނެ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުވެސް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން ސަފީރު ވިދާޅުވީ، ރާއްޖެއާއި އިންޑިއާއިން އަބަދުވެސް މަސައްކަތްކުރަނީ ކޮނޑާއި ކޮނޑު ޖައްސައިގެން ކަމަށާއި ކޮވިޑް-19 ގެ މިހާލަތުގައި ވެސް އެ ކަންތައްތައް ފެނިގެންދާ ކަމަށެވެ.
ސަފީރު ވަނީ އިންޑިއާ އަކީ ފާމަސޫޓިކަލް ބޮޑެތި ކުންފުނިތައް ހިމެނޭ ގައުމަކަށް ވުމުން އިންޑިއާގެ ނެއިބަރހޫޑް ފަސްޓް ޕޮލިސީގެ ދަށުން އަވައްޓެރި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އިސްކަންދޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވެފައިވާ ބަސްފުޅު ތަކުރާރުކުރައްވާފައެވެ. އިންޑިއާއިން ވަނީ ނެއިބަރހޫޑް ޕޮލިސީގެ ދަށުން ވެސް ރާއްޖެއަށް ހާއްޞަ އިސްކަމެއް ދޭނެކަމަށް ތަކުރާރުކޮށް ބުނެފައެވެ.