ކުރިއަށް އޮތް ފަރަނަރަވަރަކަށް ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގެ ކުނި ނެގުމުގެ މައްސަލަ ހައްލުކުރެވޭނެކަމަށް ވެމްކޯއިން ބުނެފިއެވެ.
ކުނީގެ މައްސަލަ ހައްލުކުރެވެނެކަމަށް އެ ކުންފުނިން ބުނެފައިވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ޓީމުން އައްޑޫ ސިޓީ ކައުންސިލާ ދެމެދު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި، ގުޅިފައިވާ ރަށްތަކުން ކުނި ނެގުމުގައި މައްސަލަތައް ދިމާވާކަމުގެ ޝަކުވާތައް އަވަށު އޮފީސްތަކަށް ލިބެމުންދާތީ، މި މައްސަލަތައް މެދުވެރިވާ ސަބަބުތައް ދެނެގަނެ، މައްސަލަތައް ޙައްލު ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި ވެމްކޯގެ ފަރާތުން ބުނީ ކުނި ނެގުމުގައި މައްސަލަތަކެއް ދިމާވެފައި ވަނީ އެ ކުންފުނިން ހިދުމަތް ދިނުމަށް ބޭނުންކުރަމުންދާ ހަތަރު ކޮމްޕެކްޓަރ ލޮރީ، ކުއްލި ގޮތަކަށް ހަލާކުވުމާއި ގުޅިގެންނެވެ. އެހެންނަމަވެސް އޭގެ ތެރެއިން ދެ ކޮމްޕެކްޓަރު މަރާމާތުކޮށް މިހާރު އޮޕަރޭޓްކުރަން ފަށާފައިވާއިރު، ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ބާކީ ހުރި ދެ ކޮމްޕެކްޓަރު ވެސް މަރާމާތުކޮށްގެން މަސައްކަތަށް ނެރެވޭނެ ކަމުގައި އެ ކުންފުނިން ފާހަގަކުރިއެވެ. އަދި ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ލޮރީ ވެސް މަރާމާތު ކުރެވި، އަލުން އޮޕަރޭޓްކުރަން ފެށޭނެ ކަމުގައި އެ ކުންފުނިން ހާމަކުރިއެވެ.
މި ބައްދަލުކުރެއްވުމުގައި އައްޑޫގެ ޢާންމު ސަރަޙައްދުތަކުން ކުނި ނެގުމުގައި ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން ކުނި ނަގާ ދުވަހު ވެސް، ޢާންމު ސަރަޙައްދުތަކުގައި ހުންނަ ޑަސްބިންތައް ފުރި، ޢާންމު ސަރަޙައްދުތަކަށް ކުނި އެޅުމުގެ މައްސަލަ ކުރިމަތިވެފައިވާކަން ވެސް މި ބައްދަލުކުރެއްވުމުގައި ފާހަގަކުރިއެވެ. މީގެ އިތުރުން، އައްޑޫ ސިޓީ ހިތަދޫ މެދެއާރި ކިޅިއާއި ހަންކެޑެ ފަދަ މީހުން ޢާންމުކޮށް އެއްވެ އުޅޭ ސަރަޙައްދުތަކުގައި އިތުރު ޑަސްބިންތައް ބެހެއްޓުމާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން ވެމްކޯ އިން މި އަހަރަށް ކުރިއަށް ރާވާފައިވާ ކަންތައްތަކާއި، ކުނި ނެގުމުގައި އެ ކުންފުންޏަށް ދިމާވާ ދަތިތައްވެސް އެ ކުންފުނިން ވަނީ މި ބައްދަލުކުރެއްވުމުގައި ކައުންސިލާ ޙިއްޞާކޮށްފައެވެ.