ކޮންޓްރެކްޓް ފަރމިންގެ ފުރުޞަތު އިތުރު 11 ރަށަކަށް ހުޅުވާލައިފިއެވެ.
މީގެ ކުރިން ކޮންޓްރެކްޓް ފަރމިންގެ ފުރަތަމަ ފިޔަވަހީގެ ދަށުން މި ފުރުސަތު ހުޅުވާލާފައިވަނީ ލ އަތޮޅަށް އެކަންޏެވެ. އެގޮތުން އެ ފަހަރު އެގްރޯނެޓްއިން އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވަނީ ލ. ގަން، އިސްދޫ، ކަލައިދޫ، އަދި ފޮނަދޫގެ ދަނޑުވެރިންނާއެކުގައެވެ. .
އަލަށް ކޮންޓްރެކްޓް ފާރމިންގެ ފުރުޞަތު ހުޅުވާލިކަން ހާމަކޮށް އެގްރޯ ނެޓް ކުންފުނިން ކުރި ޓްވީޓެއްގައި ވަނީ މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ ފ.މަގޫދޫ، ށ. ގޮއިދޫ، ށ. ނަރުދޫ، ބ. މާޅޮސް، ރ. ވާދޫ، ރ. ފައިނު، ނ. މަނަދޫ، ގއ. ނިލަންދޫ. ގއ. ގެމަނަފުށި، ޏ.ފުވައްމުލަށް އަދި ސ. މީދޫގައެވެ. މި ފުރުސަތުގެ ދަށުން ރެޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ 26 ޖެނުއަރީ 2021ކަށް އެގްރޯ ނެޓުން މަޢުލޫމާތުދެއެވެ.
މި މަޝްރޫއު ފަށާފައިވަނީ ޔޫއެންޑީޕީގެ އެހީތެރިކަމާއި އެކުގައެވެ. މިއީ ސަރުކާރުން އިމްޕޯޓަށް ބަރޯސާވުން ކުޑަކުރުމަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އިން މަޢުލޫމާތުދެއެވެ.
އެގްރޯނެޓްގެ މަޝްރޫޢުގެ ދަށުން ދަނޑުވެރިންނާއިއެކު ހެދޭ އެއްބަސްވުމުގެ ދަށުން އުފައްދާ ބާވާތްތައް އެކުންފުނިން ގަންނާނެއެވެ. މީގެ ސަބަބުން ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ލިބި އުފެއްދުންތަކަށް ހަމަ އަގު ލިބިގެންދާނެއެވެ.