މަރުގެ މައްސަލައަކާ ގުޅިގެން ބިދޭސީ އަކު ހޯދަން ފުލުހުން އިޢުލާންކޮށްފި އެވެ.
ފުލުހުން ހޯމަ ދުވަހު ކުރި އިޢުލާނެއްގައި ބުނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ މަރުގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ހޯދަމުން ދަނީ ބަނގުލަދޭޝް، މުޙައްމަދު ޢަލީ ޙޮސެއިން (32އ) ކިޔާ މީހެކެވެ. އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަރު 9911099 ށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދިފައި ވެއެވެ.
އެނގިފައިވާގޮތުގައި އެމީހާ ހޯދަމުން އަންނަނީ މީގެ ދެ އަހަރު ކުރިން ހުޅުމާލެ ކޮންސްޓްރަކްޝަން ސައިޓެއްގައި ހިނގި ހާދިސާއެއްގައި އެތަނުގައި މަސައްކަތްކުރާ ބިދޭސީ އަކު މަރުވި މައްސަލައިގަ އެވެ.