ދުނިޔޭގައި ހިންގޭ އެންމެ ބޮޑު އެއް ވެކްސިނޭޝަން ޕްރޮގްރާމް އަވައްޓެރި އިންޑިއާގައި ފަށައިފިއެވެ.
ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމް ހޮނިހިރު ދުވަހު އިންޑިއާގައި ފަށާފައިވާއިރު، އެ ޤައުމުގެ 1.3 ބިލިއަން މީހުންނަށް ވެކްސިން ދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕްރޮގްރާމް ފައްޓަވާދެއްވާފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ.
މޯދީ ވިދާޅުވީ، އިންޑިއާއިން އާބާދީގެ ހުރިހާ ރައްޔިތުންނަށްވެސް ވެކްސިން ދޭނެ ކަމަށާއި، އެކަން ކަށަވަރު ކުރުމަށްޓަކައި ޚާއްސަ އެޕްލިކޭޝަނެއްވެސް އެ ޤައުމުން ބޭނުން ކުރަމުން ގެންދާނެ ކަމަށެވެ. އަދި މިއީ ދުނިޔޭގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު ވެކްސިނޭޝަން ޕްރޮގްރާމްކަން ފާހަގަ ކުރައްވައި މޯދީވަނީ އެކަމުގެ ހިތްހަމަޖެހިވަޑައިގަތުން ފާޅު ކުރައްވާފައެވެ.
އިންޑިއާއިން މިހާތަނަށް ހުއްދަ ދީފައިވާ ދެ ވެކްސިން ކަމަށްވާ ކޮވިޝީލްޑް ވެކްސިނާއި ކޮވެކްސިން ޖެހުމަށްޓަކައި، ކުރީބައިގައި އެ ޤައުމުން ވަނީ ވެކްސިންގެ ގިނަ ޑޯޒްތައްވެސް ހޯދާފައެވެ.
އޭގެ އިތުރުން، މޯދީ ވަނީ އެ ޤައުމުން ހުއްދަ ދީފައިވާ ވެކްސިންތަކަކީ ކަމާބެހޭ ތަޖުރިބާކާރުންނާއި، ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދާއެކު ހުއްދަ ދީފައިވާ ވެކްސިންތަކެއްކަން ފާހަގަ ކުރައްވައި، ރައްޔިތުންނަށް ވެކްސިންގެ ރައްކާތެރިކަމާ ގުޅޭގޮތުން ޔަޤީންކަން ދެއްވާފައެވެ. އަދި ފުރަތަމަ ބުރުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ 10 މިލިއަނެއްހާ ސިއްހީ މަސައްކަތްތެރިންނަށް ވެކްސިން ދޭނެކަންވެސް ފާހަގަ ކުރައްވާފައިވެއެވެ.
އިންޑިއާއަކީ މުޅި ދުނިޔެއިން ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެގެން ރިޕޯޓް ކޮށްފައިވާ ޤައުމެވެ. އެގޮތުން އިންޑިއާއިން މިހާތަނަށް 10 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، ލައްކައަކަށްވުރެ ގިނަ މީހުން ވައިރަސް ޖެހިގެން މަރުވެފައިވެއެވެ.