ފައިޒަރ އާއި ޖަރުމަނުވިލާތުގެ ބައޯއެންޓެކުން ކޮވިޑަށް އުފެއްދި ވެކްސިންގެ އިތުރު 20 މިލިއަން ޑޯޒް ހޯދުމަށް އޯޑަރުކޮށްފައިވާ ކަމަށް ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެއެވެ.
ވެކްސިންގެ އިތުރު ޑޯޒްތަކެއް ހޯދުމަށް އޯޑަރުކުރި ކަމަށް ބޮޑުވަޒީރު މި ވިދާޅުވީ އެކަށީގެންވާ މިންވަރަށް ވެކްސިން ނުލިބޭކަމަށް ބުނެ ޕްރޮވިންސްތަކުން ޝަކުވާކުރުމާއި ގުޅިގެންނެވެ. ޓްރޫޑޯ ވިދާޅުވީ ކެނެޑާ އިން ފައިޒަރ އާއެކު މިހާރު އިތުރު އެއްބަސްވުމަކާ ހަމައަށް އައިސްފައިވާ ކަމަށެވެ.
މިއާއެކު ކެނެޑާ އަށް މޮޑާނާއިން ލިބޭ ވެކްސިންގެ ޑޯޒްތަކާއެކު މިއަހަރުގެ ތެރޭގައި 80 މިލިއަން ވެކްސިން ޑޯޒް ލިބޭނެއެވެ.
ކެނެޑާއިން އެންމެ ފުރަތަމަ ފައިޒަރ އާއެކު އެއްބަސްވުން ހެދީ 20 މިލިއަން ޑޯޒް ހޯދުމަށެވެ. ނަމަވެސް އަލަށް މިހެދި އެއްބަސްވުމާއެކު ކެނެޑާއަށް ފައިޒަރ ވެކްސިންގެ 40 މިލިއަން ޑޯޒް ލިބޭނެއެވެ.
ކެނެޑާގެ 10 ޕްރޮވިންސެއްގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުން އަންނައިރު ޕްރޮވިންސްތަކުން ވަނީ ވެކްސިން ލިބުމުގައި ލަސްތަކެއް އުޅޭކަން ފާހަގަކޮށްފައެވެ.
ޓްރޫޑޯ ވިދާޅުވީ އޭޕްރީލް އިން ޖޫން މަހާ ހިސާބަށް ދާއިރު ކެނެޑާގެ 20 މިލިއަން މީހުންނަށް ވެކްސިން ދެވޭވަރުވާނެ ކަމަށެވެ. ކެނެޑާގެ އާބާދީއަކީ 38 މިލިއަނެވެ.
މީގެއިތުރުން ޓްރޫޑޯ ވިދާޅުވީ އެމެރިކާއަށް ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް މިހާރުވެސް ގެންގުޅެމުންދާ އުސޫލު ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހާ ހަމައަށް އެގޮތުގައި ދެމި އޮންނާނެކަމަށެވެ.