އިންޑިއާގައި އުފައްދަމުން އަންނަ ކޮވިޑް ވެކްސިންތައް އެހެން ގައުމުތަކަށް ފޯރުކޮށްދިނުމާމެދު ކުރިއަށް އޮތް ހަފްތާތަކުގައި ގޮތްތަކެއް ނިންމާނެކަމަށް އެގައުމުގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.
ވެކްސިން އާއި ބޭސް އުފެއްދުމުގައި މައި ހަބެއްގެ ގޮތުގައި ފާހަގަކުރެވޭ އިންޑިޔާގައި އަންނަނީ ކޮވިޑަށް އުފައްދަމުން އަންނަ ވެކްސިންތަކުގެވެސް މުހިންމު ވެކްސިންތަކެއް އުފެއްދުމުގެ މަސައްކަތްކުރަމުންނެވެ.
ވެކްސިންތައް އެހެން ގައުމުތަކަށް ފޯރުކޮށްދިނުމާ ގުޅޭގޮތުން ޖައިޝަންކަރު ރޮއިޓަރސް އާ ވާހަކަދައްމުން ވިދާޅުވީ ވެކްސިންގެ ކަންތަކުގައި ގައުމުތަކުގެ ކަންބޮޑުވުން ހުރި މިންވަރު އެނގިވަޑައިގަންނަވާ ކަމަށެވެ.
"އަހަރުމެންނަށް ވަރަށް އަވަހަށް ސާފުވާނެ އަހަރުމެންނަށް ވެކްސިން ބޭނުންވާނެ މިންވަރު. އަދި އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދެވޭނެ މިންވަރާއި ގޮތްތަކާއި. ބައިނަލްއަގްވާމީ މަޝްރަހުގައި އަހަރުމެންގެ ދައުރު މިކަމުގައި ބޮޑުވާނެ." ޖައިޝަންކަރު ވިދާޅުވިއެވެ.
މިދިއަ ހަފްތާގައި ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނަރޯ ވަނީ އިންޑިޔާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދަމުން އަންނަ އެސްޓްރަޒެނިކާ ވެކްސިންގެ ޝިޕްމަންޓެއް އެގައުމަށް ފޯރުކޮށްދިނުމަށް އެދި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަށް ސިޓީ ފުޅެއް ފޮނުއްވާފައެވެ.
އިންޑިއާގައި އުފައްދަމުން އަންނަ އެސްޓްރަޒެނިކާ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ލިބޭނެކަމަށް އުންމީދުކުރާކަމަށް ބަންގްލަދޭޝް އިން ވަނީ ބުނެފައެވެ.
ޖައިޝަންކަރު ވިދާޅުވީ ވެކްސިން ފޯރުކޮށްދިނުމުގައި އެގައުމުގެ އާބާދީއަށް ބޭނުންވާ މިންވަރާއި އެހެން ގައުމުތަކަށް ބޭނުންވާ މިންވަރަށް ބަލާ ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށްދޭނެ ގޮތްތަކެއް ބަލާނެކަމަށެވެ. އިންޑިިއާގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ހޮނިހިރު ދުވަހު ފަށާނެއެވެ.
ޖައިޝަންކަރު ވިދާޅުވީ އެންމެ ފުރަތަމަ ވެކްސިން ބަހާނީ އެގައުމުގެ އެކި ހިސާބުތަކަށްކަމަށެވެ. އެއަށްފަހު އެހެން ގައުމުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތްކުރާނެ ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.
އެސްޓްރަޒެނިކާގެ ކޮވިޑް ވެކްސިންގެ އިތުރުން އިންޑިޔާ ސަރުކާރުގެ އިންސްޓިޓިއުޓާއެކު ބަހާރަތް ބައޯޓެކުން އުފައްދަމުން އަންނަ ވެކްސިންގެ އިތުރުން ހަތަރު ވެކްސިނެއް ކްލިނިކަލް ޓްރައަލްތަކުގައި އުޅޭކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.