އައްޑޫ ފްލައިންގ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ހައްގުތަކަށް ތަކުރާރުކޮށް އަރައިގަންނަމުންދާތީ އެ ސްކޫލް 35،000 ރުފިޔާއިން ޖޫރިމަނާކޮށް އަނެއްކާވެސް ކަންކަން އިސްލާހު ކުރުމަށް އިތުރު ފުރުސަތެއް ދީފިއެވެ.
2001 ވަނަ އަހަރު އަމަލު ކުރަން ފެށި މަދަނީ ވައިގެ ދަތުރުފަތުރުގެ ޤާނޫނު ބުނާ ގޮތުން އެޤާނޫނާއި ހިލާފުވާ ފަރާތްތައް -/100،000 (އެއް ލައްކަ) ރުފިޔާ އަށްވުރެ ބޮޑުނުވާ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.
އޭޝިއަން އެކަޑެމީ އޮފް އޭރޮނޯޓިކްސް (އޭއޭއޭ) ފްލައިން ސްކޫލް ޖޫރިމަނާ ކުރުމަށްފަހު ގިނަ ކަންތައްތަކެއް ރަނގަޅު ކުރަން ޓްރާންސްޕޯޓް މިނިސްޓްރީންނާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ސްކޫލަށް އަންގާފައެވެ. އަދި ސްކޫލްގައި ހިންގާ ކަންކަން ބެލުމަށް ސިވިލް އޭވިއޭޝަންގެ ފަރާތުން ބޭފުޅަކު އެ ސްކޫލްގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ދަރިވަރުންގެ ތަމްރީނުތަކަށް ބޭނުންވާ މިންވަރަށް ސްކޫލުގެ ފަރާތުން ޓެމްޕަރަރީ ލީޒްކޮށްގެން ނުވަތަ އެހެން އިންތިޒާމެއްގެ ދަށުން "ކޮމްޕްލެކްސް" މަތިންދާ ބޯޓު ހަމަޖެއްސުމަށާއި، ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނެގުމަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ތަންދޭ ކަމަކަށް ނުވާތީ ރާއްޖޭގެ ކަމާބެހޭ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުމަށް ވެސް ސްކޫލަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ދަރިވަރުންގެ ތަމްރީނުތައް ޝެޑިއުލްކުރެވެމުންދާ ގޮތާއި ތާވަލު އާންމުކޮށް ފެންނަން ހުންނާނޭ ގޮތަށް އާއްމު ކުރުމަށްވެސް ވަނީ އަންގާފައެވެ.
ފްލައިން ސްކޫލްގައި ހުރި މައްސަލަތަކާއި ގުޅިގެން ދަރިވަރުން ޝަކުވާ ކުރަމުން އަންނަތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު އަދި މިހާތަނަށް އެއްވެސް މައްސަލައަކަށް ހައްލެއް ގެނެސްދެވިފައެއް ނުވެއެވެ.
ފްލައިން ސްކޫލްގެ މައްސަލަ ބޮޑުވެ އެ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް އެތައް ގޮތަކުން އުނދަގޫތަކާއި ކުރިމަތިލާންޖެހުމުން ޓްރާންސްޕޯޓް މިނިސްޓަރު ވަނީ އެހެން ޔުނިވަރސިޓީތަކާއި ގުޅިގެން ކޯސް ނުނިމި ތިބި ކުދިންނަށް އެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ ނަހުލާ ވިދާޅުވެފައި ވަނީ މި މައްސަލަ އެންމެ ބޮޑުވެފައިވަނީ 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ދެމެދުގެ މުއްދަތުގެ ތެރޭގައި ކަމަށެވެ. އަދި ރަސްމީ ސިފައެއްގައި މި މައްސަލަ މިނިސްޓްރީއަށް އައިސްފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި ކަމަށާއި އެންމެ ފުރަތަމަ މައްސަލަ ހުށައެޅީ އަމިއްލަ ފަރާތަކުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.