މިހިނގާ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރައީސް އޮފީހުގެ ތަރުޖަމާނަކަށް މުހައްމަދު މަބްރޫކު އަޒީޒް ހަމަޖައްސަވައިފިއެވެ.
އެކަން ހާމަ ކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނެވި އިބްރާޙިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތަރުޖަމާނަކަށް މަބްރޫކު އައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ނިންމަވާފައިވާ ކަމަށެވެ. އަދި "ސްޕޯކްސްޕަރސަން" ޓްވިޓަރ އެކައުންޓު އޮޕަރޭޓް ކުރެއްވުން މިވަގުތުން ފެށިގެން ދޫކޮށްލަވާފައިވާކަން ހޫދު ވަނީ ފާހަގަ ކުރައްވާފައެވެ.
ހޫދު ވިދާޅުވީ، ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިކްސްގެ ޙައިސިއްޔަތުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަނާ ބެހޭ ކަންކަން ޖުމުލަ ގޮތެއްގައި އޭނާ ބައްލަވަމުން ގެންދަވާނެ ކަމަށެވެ.
މިހާރުވެސް ރައީސް އޮފީހުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މަބްރޫކު ވަނީ މީގެ ކުރިން އެންއީއޯސީގެ ތަރުޖަމާނުކަން ކުރައްވައި ގިނަ ބައެއްގެ ލޯބި ހޯއްދަވާފައެވެ.