ހުޅުމާލޭގެ އެކި ސަރަހައްދުތަށް ސާފުކުރުމުގައި އެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ސީދާ ބައިވެރިވުމާއި އެއްބާރުލުން އިތުރުކޮށް، ހުޅުމާލެ އަކީ ސާފު ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކާއި އެޗްޑީސީން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ވެށި ސާފު" ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ހުރަވީ ސްކޫލުގައި ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ފައްޓަވައިދެއްވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ދިރިއުޅޭ ވެށި ސާފުކުރުމަކީ ޒަމާނުއްސުރެ އަޅުގަނޑުމެން ކުރަމުން އަންނަ ކަމެއް ކަމަށާއި، މިފަދަ މަސައްކަތެއް އެޗްޑީސީން އިސްނަގައިގެން ކުރަން ނިންމި ކަމަކީ އުފާކުރާކަމެއް ކަމަށެވެ.
އަދި ކުނީގެ މައްސަލައަކީ ހުރިހާ ދިމާލެއްގައިވެސް ވަރަށް ބޮޑުވެފައިވާ މައްސަލައަކަށްވާއިރު، ކުނި އެޅުމަކީ އެ މީހަކު ޒިންމާވާންޖެހޭނެ ކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ވެށި ސާފުކޮށް ހުރިހާ ފަރާތްތަކުންވެސް ބަލަހައްޓަންޖެހޭ. އަދި އެ މީހަކު އަޅާ ކުންޏަށް އެ މީހަކު ޒިންމާވާންޖެހޭ. ހުރިހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާކޮށްގެން އެ މީހަކު ދިރިއުޅޭ ވެށި ސާފުކޮށް ބޭއްވޭނީމިނިސްޓަރ އޮފް އެންވަޔަރަމަންޓް ހުސެއިން ރަޝީދު ހަސަން
މީގެ އިތުރުން މިނިސްޓަރ ވަނީ ސަރުކާރުން ތިމާވެށި ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލި އަޅުވާލައި، ތިމާ އުޅޭ ވެށީގެ ސާފުތާހިރުކަމަށް އިސްކަން ދިނުމަށް ބާރު އަޅުއްވާފައެވެ.
"ވެށި ސާފު" ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކުރިއިރު، ދެ ބުރަކަށް ބަހާލައިގެން މި ޕްރޮގިރާމުގައި ބައިވެރިވުމަށް ހުޅުވާލެވުނު ފުރުސަތުގައި 600 ށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލާފައެވެ. އަދި މި ޕްރޮގްރާމަށް 64 މީހަކު ހޮވުނުއިރު، މި ޕްރޮގްރާމްގެ ބައިވެރިންނަށް މަރުހަބާ ދަންނަވާ ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު ވަނީ ހުޅުމާލެ ސާފުކޮށް ބޭއްވުމުގައި އާންމު ފަރުދުން ފަރުދީ ޒިންމާ ނެގުމުގެ މުހިންމުކަމުގެ ވާހަކަދައްކަވައި، ހުރިހާ ބޭފުޅުންވެސް ދިރިއުޅޭ ގެ އަދި ވަށައިގެންވާ ސަރަހައްދު ސާފުކޮށް ބޭއްވުމުގެ ފަރުދީ ޒިންމާ ނެންގެވުމަށް އިލްތިމާސް ކުރައްވާފައެވެ.
އަދި ހުޅުމާލެ ސާފުކޮށް ބޭއްވުމާއި ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް އާދައެއް ކަމުގައިވާ ދިރިއުޅޭ ގޭގެ ވަށައިގެންވާ ސަރަހައްދު ކުނިކަހާ ބެލެހެއްޓުމުގެ ސަގާފަތް ދެމެހެއްޓުމަށް ހިތްވަރުދިނުމަކީ މި ޕްރޮގްރާމުގެ އެންމެ ބޮޑު އެއް މަގުސަދު ކަމަށްވެސް ސުހައިލް އަޙްމަދު ވިދާޅުވިއެވެ.
ދެ ބުރަކަށް ބަހާލައިގެން އިއުލާން ކުރެވުނު މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ބުރުގައި ހުޅުމާލޭގެ ފްލެޓް ހުންނަ 34 ހަތަރު ސަރަހައްދެއް ސާފުކުރުމަށް 34 މީހަކު ވަނީ ހޮވާފައެވެ. އަދި ދެވަނަ ބުރުގައި ހުޅުމާލޭގެ 10 ސަރަހައްދެއްގައި ހެދިފައި ހުރި ޕާކުތަށް ސާފުކުރުމަށް 30 މީހަކު ވަނީ ހޮވާފައެވެ.
މިގޮތުން މި ޕްރޮގްރާމަށް މީހުން ހޮވުމުގައި އިސްކަންދެވިފައިވަނީ ހުޅުމާލޭގައި ފާހަގަކުރެވިފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ 18 އަހަރުވެފައިވާ ދިވެހިންނަށެވެ. މީގެއިތުރުންވެސް ވަޒީފާއެއްގައި ނޫޅޭ މީހުންނަށް އިސްކަންދީފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
ހުޅުމާލެ ސާފުކުރުމަށް މިގޮތަށް ކުރިއަށްގެންދެވޭ ޕްރޮގްރާމުތަކުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް، ހާއްސަކޮށް"ވެށި ސާފު" ޕްރޮގްރާމަށް ލިބުނު ތަރުހީބަށް ބަލައި މި އަހަރު އަދި އިތުރު ބުރެއް ހުޅުވާލަން ވަނީ ނިންމާފައެވެ.