މިސަރުކާރަކީ އިންތިހާބީ ކަންކަން ދަންނަ ސަރުކާރެއް ނޫން ކަމަށާއި ލޯކަލް ކައުންސިލް އިންތިހާބު ވެސް އެތައް ފަހަރަކު ފަސްކޮށްފައި ވަނީ އިންތިހާބަކަށް ކުރިމަތިލާން ނުކެރޭތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން މިލަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ލީޑަރުން ތިބީ އިންތިހާބުތަކުގައި ރައީސް ޔާމިނާ ވާދަކުރަން ތައްޔާރަށް ކަމަށާއި އެހެން ނަމަވެސް އެމަނިކުފާނާ ވާދަކުރަންތިބި ހުރިހާ ސިޔާސީ ލީޑަރުންނަށް ދަނީ ހުކުމްކޮށް ޖަލަށް ލަމުން ކަމަށެވެ.
ޕީޕީއެމްއިން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަގައިގެން ރައްޔިތުން ހިތް އެދޭ ގޮތަށް ވެރިކަން ކުރެއްވޭތޯ ސުވާލު އުފައްދަވަމުން ނިޒާރު ވިދާޅުވީ މިރާއްޖޭގެ ރައްޔިތުންގެ ތެރޭގައި އިންސާފުވެރި ވާދަވެރި އިންތިހާބެއް ބާއްވައިފި ނަމަ ރައީސް ޔާމިންއަށް ވޯޓް ދީގެން ހޮވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. ސަބަބަކީ ރައީސް ޔާމިނަކީ ރައްޔިތުންގެ ކައިރިއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކޮށް ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމު ހިންގޭނީ ރައްޔިތުން ކައިރިއަށްގޮސް އަހާ، އޮޅުންފިލުވައިގެން، ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުންގެ ހާލު ބަލައިގެން ކަމަށް ނިޒާރު ވިދާޅުވި އެވެ.
"ސަރުކާރުން ކަންކަން ކުރަން އެނގޭ ގޮތަށް ކަންކަންކުރަމުން އެދަނީ. މިހާރު ހެންވޭރު އުތުރު ދާއިރާއަށް މާލެސިޓީއަށް ކުރިމަތި ލެއްވި އެމްޑީޕީގެ ކެންޑިޑޭޓް މިއަދު މިވަނީ ޕީޕީއެމަށް ސޮއިކޮށްފަ. އެހެންކަމުން އެ ގޮނޑު އެވަނީ ޕީޕީއެމަށް އިންތިހާބަކާ ނުލާ ލިބިފަ. މިއީ މިސަރުކާރުން ކަންކުރާ ގޮތަކީ. އިންތިހާބަކަށް ކުރިމަތިލާކަށް ނުކެރޭ" ނިޒާރު ވިދާޅުވި އެވެ.
ރައީސް ނަޝީދު ގެންނެވި ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރަން އޮތް ނިޒާމެއް ކަމަށާއި އެގޮތުން މިނިޒާމް ޤާއިމް ކުރުމަށް ރައީސް ނަޝީދު ރައްޔިތުންގެ ކައިރިއަށް ވަޑައިގެން ރައްޔިތުންގެ އަޑު އަހާފައިވާ ކަމަށެވެ.
"ރައީސް ޔާމީން އައްޑޫއަށް އެއްފަހަރު ވަޑާއިގެންނެވި ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ. ނަމަވެސް އެހާގިނައިން ވަޑައިނުގަންނަވާ. ރައީސް ނަޝީދަކީ އެންމެ ގިނައިން ރަށްރަށް ވަޑައިގެންވި އަދި އައްޑޫއަށް ވެސް އެންމެގިނައިން ވަޑައިގެންނެވި ރައީސް. އެއީ ރައްޔިތުން ދެކެ ލޯބިވާ ރައީސުނުންނަކީ. ރައްޔިތުންގެ ކައިރިއަށް ވަޑާއިގަންނަވާ ރައީސުންނަކީ ރައްޔިތުންދެކެ ލޯބިވާ ރައީސުންނަކީ. ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ ކައިރިން ވެރިކަން ކުރުން. އެނިޒާމު ގެނައީވެސް ރައީސް ނަޝީދު" ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނު ތަކުން ނުބައި މާނަ ނަންގަވާ އޭގެ ތެރެއިން ނާޖާއިޒު ފާއިދާ ނަގައިގެން މިސަރުކާރުން ކުރައްވާ ވެރިކަމަށް ޖާގަ ދޭން ނެތް ކަމަށެވެ. އަދި މިސަރުކާރުން ފެންނަމުންދަނީ މިރާއްޖޭގެ ސިޔާސީ މަސްރަޙް ކިލަނބު ކުރަމުންދާ މަންޒަރު ކަމަށާއި ރައްޔިތުން އޮޅުވާލަން މަސައްކަތް ނުކުރެއްވުމަށް މިސަރުކާރަށް ނިޒާރު ގޮވާލެއްވި އެވެ.