ސްކޫލް ސަރަޙައްދުގައި ކުރަހާފައި އަދި ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާއި ޚިލާފަށް ޕާރކް ކޮށްފައިވާ އުޅަނދުފަހަރު ނެގުމަށް ޓްރެފިކް ޕޮލިހުން އަންގައިފިއެވެ.
2021 ޖެނުއަރީ 10 ވަނަ ދުވަހު ސްކޫލްތައް ފެށުމަށް ހަމަޖެހިފައިވާތީ، ޖެނުއަރީ 9 ވަނަ ދުވަހުގެ 18:00 ގެ ކުރިން ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިހުރި އުނޅަދުތައް ނެގުމަށް ވަނީ އަންގާފައެވެ.
ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންކޮށް އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށް ފަހު، އަންނަ އާދިއްތަ ދުވަހު ހުރިހާ ގްރޭޑަކަށް ކިޔެވުން އަލުން ފަށާއިރު ސްކޫލުތަކުން ވެސް އޮތީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.
ސްކޫލުތަކުގެ ސެޝަންތައް ކޯވިޑް-19ގެ ހާލަތަށް ބަލައިގެން ބަހާލާފައިވާއިރު ކުދިން ސްކޫލަށް ވަދެ ނިކުތުމުގައި ފަސޭހަތަކެއް ވާނެ ގޮތަށް ސްކޫލުތަކުންވެސް ކަންކަން ރާވާފައިވާކަން ފާހަގަކުރެވެއެވެ.
ސްކޫލްތައް އަލުން ހުޅުވަން ތައްޔާރުވާއިރު ސްކޫލްތަކުގައި އަމަލުކުރަން ޖެހެނީ ނިއު ނޯމަލްގައި އަމަލުކުރަން އަންގާފައިވާ ހާއްސަ އުސޫލެއްގެ ދަށުންނެވެ. އެގޮތުން ޕްރީ ސްކޫލް ދަރިވަރުން ސްކޫލަށް ނެރޭ އިރު އެ ދަރިވަރުންނަށް ކިޔަވައިދޭން ޖެހެނީ ފަސް ދުވަހު ދުވާލަކު ދެ ގަޑިއިރަށް ވުރެ މަދު ނުވާނެ ގޮތަށެވެ. އޭގެ ތެރެއިން އެއް ގަޑި އިރު ވަންދެން ކުދިންނަށް ގައި ދުރުކަމާއި އަތް ދޮވުން ފަދަ ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ހާއްސަ ފިޔަވަޅުތައް ކިޔައިދޭން ޖެހެއެވެ.
ޕްރައިމަރީ ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީގެ ދަރިވަރުންނަށް ކިޔަވައިދޭން ޖެހެނީ 5 ގަޑިއިރަށެވެ. ސްކޫލުގައި ކުދިން ތިބޭ ނިސްބަތަށް ބަލާފައި ކިޔެވުމުގެ ދަންފަޅި އޮންނަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ ހަފްތާ އަކު ފަސް ދުވަހު ދެ ސެޝަން އަކަށް ބަހާލައިގެން ކިޔަވައި ދިނުމާއި ދެ ދުވަހުން އެއް ދުވަހު ކުދިން ސްކޫލަށް ގެންދިއުމެވެ. އެގޮތަށް އަމަލުކުރާ ނަމަ ކުދިންނަށް އޮންލައިން ކްލާސްތައް ވެސް ނަގައިދޭން ޖެހެއެވެ.
މިދިޔަ މާޗް މަހު ރަސްމީކޮށް ސްކޫލްތައް ބަންދުކޮށްފައިވާއިރު އޭގެ ފަހުން ދަރިވަރުންނަށް ކިޔަވައިދީފައި ވަނީ ޓެލެ ކްލާހާއި އޮންލައިން ކްލާސްތައް މެދުވެރިކޮށެވެ. ފަހުން ގްރޭޑް 8 އާއި 12 އާ ދެމެދުގެ ދަރިވަރުން ސްކޫލް އަށް ނެރެ ކިޔަވައިދީފައިވެއެވެ.