ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮވިޑް-19ގެ އައު ވޭރިއަންޓު އޮސްޓްރޭލިއާއަށް ވެސް ފޯރައިފި ކަމަށާއި ގައުމު އޮތީ ހައި އެލަރޓްގައި ކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން ވިދާޅުވެއްޖެއެވެ.
އެންމެ ފުރަތަަ އިނގިރޭސިވިލާތުން ފެނިފައިވާ ކޮވިޑްގެ މި އައު ވޭރިއަންޓް ފެނުމާއި ގުޅިގެން އޮސްޓްރޭލިއާގެ ސްޓޭޓެއް ކަމަށްވާ ކުއީންސްލެންޑުގެ ކެޕިޓަލް ބްރިސްބޭންގައި ހޮނިހިރު ދުވަހު ވަނީ ހަރުކަށި ފިޔަވަޅު ތަކަކާއި އެކު ތިންދުވަހަށް ލޮކްޑައުން ކޮށްފައެވެ.
މޮނިޓަރިންގގެ ހާލަތަށް ލައިފައިވާ ސިޑްނީގެ ހޮޓަލަކުންވެސް ކޮވިޑްގެ އައު ވޭރިއަންޓް ވަނީ ފެނިފައެވެ. މި ވޭރިއަންޓު ފެނުމާއެކު އެގައުމަށް ޒިޔާރަތްކުރާ މީހުންގެ އަތުގައި ކޮވިޑް-19 ނެގެޓިވް ޓެސްޓު ނަތީޖާއެއް އޮންނަން ޖެހޭނެކަމަށް އެގައުމުން ވަނީ ނިންމާފައެވެ.
2020 ވަނަ އަހަރުގެ މާޗު މަހު އެގައުމުގެ ބޯޑަރުތައް ބަންދު ކޮށްފައިވާއިރު އެގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް އައުމުގެ ފުރުސަތު އޮސްޓްރޭލިއާއިން އަންނަނީ ވަކި އުސޫލުތަކެއްގެ މަތިން ދެމުންނެވެ.
އޮސްޓްރޭލިއާއިން މިހާތަނަށް ކޮވިޑް ޖެހިގެން 28،500ށް ވުރެ ގިނަ މީހުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ޖުމްލަ 25،808 މީހުން ބަލިން ރަނގަޅުވެފައިވާކަމަށް އެގައުމުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ. ކޮވިޑް-19 ޖެހިގެން އޮސްޓްރޭލިއާއިން 909 މީހަކު ވަނީ މަރުވެފައެވެ.