ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބުދުލްއަޒީޒް ކޮވިޑް-19 ވެކްސިން ޖައްސަވައިފިއެވެ.
ސައުދީ ގެޒެޓުގައި ބުނެފައިވާގޮތުން ސައުދީ ރަސްގެފާނު ކޮވިޑް-19 ވެކްސިން ޖައްސަވާފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ.
ފާއިތުވި ޑިސެމްބަރުމަހު ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވެސް ވަނީ ކޮވިޑް-19 ވެކްސިން ޖައްސަވާފައެވެ. ސައުދި އަރަބިއްޔާއިން ވެކްސިން ދިނުމުގެ ފުރަތަމަ މަރުހަލާގައި ވެކްސިން ދިނުމަށް ނިންމާފައިވާ ހުރިހާ ފަރާތްތަކަށް ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގައި ވެކްސިންދީ ނިމޭނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.
އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި ފައިޒަރ އަދި ޖަރުމަނުގެ ކުންފުނި ބައޯއެންޓެކް އިން ގުޅިގެން ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިންނަށް ސައުދީ އިިން ހުއްދަ ދީފައިވާއިރު، އެގައުމުގައި ރައްޔިތުންނަށް ވެކްސިން ދޭން ފަށާފައިވަނީ 17 ޑިސެންބަރުން ފެށިގެންނެވެ.
ހެލްތް މިނިސްޓަރު ޑރ. ތައުފީގު އަލް ރާބިހް ވިދާޅުވީ ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ ކްލިނިކްތައް އޮޕަރޭޓް ކުރަން ފެށުމާއެކު ދުވާލެއްގެ މައްޗަށް 50،000 މީހުންނަށް ވެކްސިން ދެވޭނެ ކަމަށެވެ.
ސައުދީގައި މިހާތަނަށް 363،000ށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 6000ށް ވުރެ ގިނަ މީހުން މި ބަލީގައި ވަނީ މަރުވެފައެވެ.