މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަޙައްދުން ބިއްލޫރި ޕެލެޓެއް ވެއްޓި ތާށިވި މީހާގެ ކަށިތަކަށް ގެއްލުންވެފައިވާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.
މި ޙާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން އެމްއެންޑީއެފުން ބުނީ، އެމްޕީއެލްގައި ބިއްލޫރި ޕެލެޓުގަނޑެއް ވެއްޓި، މީހަކު ތާށިވިކަމުގެ މައުލޫމާތު ބުރާސްފަތި ދުވަހުގެރޭ 19:45 ހާއިރު ލިބުމުން، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ޙަރަކާތްތެރިވެފައިވާ ކަމަށެވެ.
ޙާދިސާ ހިނގީ ކޮންޓެއިނަރ ތެރޭގައި ހުރި ބިއްލޫރި ޕެލެޓް އަރިއަޅާލައިގެން ވެއްޓުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އެމްއެންޑީއެފުން ބުރާސްފަތި ދުވަހުގެރޭ ވަނީ ކޮންޓެއިނަރުގެ ބޭރު ކަފާލައިގެން އޭނާ ސަލާމަތް ކުރުމަށްފަހު، ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
އޭނާ ސަލާމަތް ކުރެވިފައިވާކަން އެމްއެންޑީއެފުން ކަށަވަރު ކޮށްދެއްވާފައި ވަނީ ބުރާސްފަތި ދުވަހުގެރޭ 20:40 ހާއިރުއެވެ. އެކަމާ ގުޅޭ ފަހުގެ މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އޭނާގެ ކަށިތަކަށް ގެއްލުންތަކެއް ވެފައިވާ ކަމަށާއި، އެހެން ނަމަވެސް އޭނާގެ ޙާލު މިހާރު ސްޓޭބަލް ކަމަށެވެ.
މި ޙާދިސާ ހިނގާ ދިޔަ ގޮތް އެމްޕީއެލްއިން ދަނީ ބަލަމުންނެވެ. އެމްޕީއެލްއިން މައުލޫމާތު ދޭ ގޮތުގައި އަނިޔާވި މީހާގެ ބޮލަށް އެއްވެސް ގެއްލުމެއް ވެފައެއް ނުވެއެވެ. އަދި މޭކަށިތަކާއި، މޭމައްޗަށް ބޮޑު ގެއްލުމެއް ވެފައި ނެތް ނަމަވެސް، އުކުޅުވަޅުގެ ކަށިގަނޑު ފްރެކްޗަރ ވެފައިވާކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއެވެ. އަދި އިތުރު ޓެސްޓުތަކެއް ހަދަންޖެހޭކަން އެމްޕީއެލްއިން ފާހަގަ ކޮށްފައިވެއެވެ.
މި ޙާދިސާގައި އިތުރު މީހަކަށްވެސް އަނިޔާތަކެއް ލިބިފައިވާއިރު، އޭނާވެސް އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީފައިވެއެވެ. މި ޙާދިސާ ހިނގި ތަނުގައި އެމްއެންޑީއެފް ގެ އިތުރުން ފުލުހުންނާއި ޕެރެމެޑިކްސް ޙަރަކާތްތެރިވިއެވެ.