އިނގިރޭސިވިލާތުން މޮޑާނާގެ ކޮވިޑް-19 ވެކްސިނަށް އެމަޖެންސީކޮށް ބޭނުން ކުރުމުގެ ހުއްދަދީފިއެވެ.
މިއާއިއެކު އިނގިރޭސިވިލާތުން މިވަނީ ކޮވިޑް-19 އަށް އުފައްދާފައިވާ ތިން ވެކްސިނެއް އެގައުމުގައި ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ.
އިނގިރޭސިވިލާތުން މޮޑާނާގެ 17 މިލިއަން ޑޯޒް ގަނެފައިވީ ނަމަވެސް ވެކްސިންގެ ޑޯޒްތައް އެގައުމަށް ލިބޭނީ މިއަހަރުގެ މާޗުހާ ތާގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެގައުމުން މޮޑާނާގެ ވެކްސިނަށް ހުއްދަދީފައި މިވަނީ ގިނަ މަޝްވަރާތަކަކަށް ފަހުއެވެ. އެގޮތުން އިނގިރޭސިވިލާތުގެ މެޑިސިންސް އެންޑް ހެލްތުކެއަރ ޕްރޮޑަކްސްޓް ރެގިއުލޭޓަރީ އެޖެންސީ (އެމްއެޗްއާރްއޭ) އާއި ކޮމިޝަން އޮން ހިއުމަން މެޑިސިންސް ވަނީ ވެކްސިންގެ ގިނަ ރިޕޯޓްތައް ދިރާސާކޮށްފައެވެ.
އިނގިރޭސިވިލާތުން މޮޑާނާގެ ވެކްސިނަށް ހުއްދަދީފައި މިވަނީ ޔޫރަޕިއަން ޔޫނިއަނުންވެސް އެ ވެކްސިނަށް ހުއްދަ ދީފައި ވަނިކޮށެވެ.
އެގޮތުން އީޔޫގެ 27 ގައުމެއްގައި މިހާރު މޮޑާނާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ މިހާރު މިވަނީ ލިބިގެންގޮސްފައެވެ.
މޮޑާނާ ވެކްސިންގެ އެންމެ ފަހުގެ ނަތީޖާތައް ދައްކާގޮތުން މި ވެކްސިނަކީ 95 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ.
އިނގިރޭސިވިލާތުން ވަނީ ފައިޒަރ އަދި ބައޯއެންޓެކްގެ ވެކްސިންގެ އިތުރުން އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީގެ ވެކްސިންވެސް އެގައުމުގައި ބޭނުން ކުރުމުގެ ހުއްދަދީ އާންމުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައެވެ.