ރާއްޖޭގެ އޯތޮޕީޑިކް ޑޮކްޓަރުންނާއިމެދު ފަހުރުވެރިވެލައްވާ ކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ މާރިއާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ މާރިޔާ ވިދާޅުވީ ކޮވިޑް-19 ބަލިކަޑުކަމާއި ގުޅިގެން ދިވެހިރާއްޖެ ލޮކްޑައުން ކުރި މުއްދަތުގެ ތެރޭގައި އެކަމަނާގެ ފިރިކަލުން ދެ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުން ކުރެއްވި ކަމަށާއި ދިވެހި ޑޮކްޓަރުން އެ ދަނޑިވަޅުގައި ކުރެއްވި މަސައްކަތާއިމެދު ފަހުރުވެރިވެލައްވާ ކަމަށެވެ.
އަދި މިނިސްޓަރގެ އަތުގެ ކަށިގަނޑަށް ލިބުނު ގެއްލުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ދިވެހި ޑޮކްޓަރުންގެ ޓީމެއް ވަރަށް ފުރިހަމައަށް ފަރުވާ ދެއްވިކަމަށްވެސް މިނިސްޓަރ ގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.
ދިވެހި ޑޮކްޓަރުން ކުރައްވަމުން ގެންދަވާ މަސައްކަތައް ތައުރީފުކުރައްވާ ޑޮކްޓަރުންނާއިމެދު ފަހުރުވެރިވެލައްވާކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓާއި ގުޅިގެން މޯލްޑިވިއަން އޯތޮޕީޑިކް އެސޯސިއޭޝަނުން ވަނީ މިނިސްޓަރ މާރިޔާއަށް ޝުކުރު އަދާކުރައްވާ ޓްވީޓް ކުރައްވާފައެވެ.