ރާއްޖެއިން އިތުރު 21 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ބުރާސްފަތި ދުވަހު ރާއްޖެއިން އިތުރު 21 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭގެ ތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވި 17 މީހެއް ހިމެނޭ ކަމަށެވެ. އަދި ރަށްރަށުން ޕޮޒިޓިވްވި 2 މީހަކާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 2 މީހެއްވެސް އޭގެ ތެރޭގައި ހިމެނެއެވެ.
އެޗްޕީއޭއިން ބުނީ، ފާއިތުވި 24 ގަޑިއިރު ތެރޭގައި 2715 ސާމްޕަލްއެއް ޓެސްޓު ކޮށްފައިވާ ކަމަށެވެ. އެއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ނެގި ސާމްޕަލްތަކުގެ ޖުމުލަ އަދަދު 333،836ށް އަރާފައިވާއިރު، ރާއްޖެއިން ޕޮޒިޓިވްވި ޖުމުލަ އަދަދަކީ 13،988 އެވެ.
އޭގެ އިތުރުން، މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން 13،238 މީހަކު ރަނގަޅުވެފައިވާއިރު، މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 694 އެވެ. އަދި މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވެފައިވަނީ 49 މީހެކެވެ.
މިވަގުތު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނީ 44 މީހަކަށެވެ.
ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަށް ސިންގަޕޫރުގެ އެސްޓްރަޒެނެކާއާއެކު ސޮއި ކުރުމަށް ސަރުކާރުން ނިންމިކަން ދާދި ފަހުން މިނިސްޓްރީ އޮފް ފިނޭންސުން ވަނީ ހާމަކޮށްފައެވެ. އެގޮތުން މިހިނގާ 2021 ވަނަ އަހަރުގެ ކުރީކޮޅު ވެކްސިން ޖެހުމުގެ ކަންކަން ފެށިގެންދާނެ ކަމަށް އުއްމީދު ކުރާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން މީގެ ކުރިން ވަނީ ބުނެފައެވެ.