ކ. މާލެ
|
7 ޖެނުއަރީ 2021 | ބުރާސްފަތި 18:29
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް- ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާ ދައުވާތައް ވަނީ އިއްވާފައި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް- ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާ ދައުވާތައް ވަނީ އިއްވާފައި
ރ ފުއްގިރި ޙިޔާނާތުގެ މައްސަލަ
ޔާމީނުގެ އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދިއްޖެ
މިއީ ރ. ފުއްގިރި ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދިން މައްސަލަ
އިތުރު ބައެއްގެ މައްޗަށް ވެސް މިމައްސަލާގައި ދައުވާ އުފުލާފައިވޭ
ޖެނުއަރީ މަހުގެ ފަހުކޮޅު މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ

އެމްއެމްޕީއާރްސީގެ ޙިޔާނާތާ ގުޅިގެން އިތުރު ދައުވާތަކެއް އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މިލްކިއްޔާތުގައި ހުރި އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދިއްޖެއެވެ.

ދައުލަތުން އެގޮތަށް އެދިފައިވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގައި ހިމެނޭ، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުށްޔަށް ދޫކުރި ރ. ފުއްގިރި މައްސަލައިގައި، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއާ ގުޅޭގޮތުން ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައެވެ.

މި އަޑުއެހުމުގައި ދައުލަތުން ވަނީ ޔާމީނުގެ މައްޗަށް ދައުވާ އިއްވާފައެވެ. އެގޮތުން މި މައްސަލައިގައި ޔާމީނުގެ މައްޗަށް 2 ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ. އެއީ ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާއަކާއި، މަނީ ލޯންޑަރިން ގެ ކުށުގެ ދައުވާއެކެވެ.

ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާ:

ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން ހުށައަޅާފައިވަނީ ޤާނޫނު ނަންބަރު 9/2014 ދިވެހި ރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުންނެވެ. މި ދައުވާ އުފުލާފައިވާ ސަބަބަކީ ޔާމީނު ރައީސް ކަމުގައި ހުންނެވިއިރު ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން 1 ސެޕްޓެމްބަރު 2015 ގައި 624،950 އެމެރިކާ ޑޮލަރާއި، 9 ސެޕްޓެމްބަރު 2015 ގައި 724،935 އެމެރިކާ ޑޮލަރު ރިޝްވަތުގެ ގޮތުގައި ޤަބޫލުކޮށް އޭގެ ތެރެއިން 1،117،000 އެމެރިކާ ޑޮލަރު ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ އާއި ސަން އިންވެސްޓްމަންޓް މެދުވެރިކޮށް 7 ޖޫން 2016 ގައި ޔާމީނުގެ އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާ ކޮށްފައިވާތީއެވެ.

ދައުލަތުން ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނާ ޙަވާލާދީވެސް މި ދައުވާ އުފުލި ސަބަބު ބަޔާން ކޮށްފައެވެ. އެގޮތުން ދައުލަތުގެ ވަކީލާ ވަނީ މި މައްސަލައިގައި ޔާމީން ރިޝްވަތުގެ ގޮތުގައި ބަލައިގެންފައިވާ 1،117،000 އެމެރިކާ ޑޮލަރާއި، ޔާމީނުގެ މިލްކިއްޔާތުގައިވާ އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދެއްވުމަށް އެދިފައެވެ.

މިއީ ޖިނާއަތުގެ 3 ވަނަ ދަރަޖައިގެ ކުށެއްކަން ބަޔާންކޮށް ދައުލަތުން ވަނީ މި ކުށުގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށްލުންކަން ފާހަގަ ކޮށްފައެވެ.

މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ:

މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ވަނަ ދައުވާއަކީ، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ)އާއި އެގާނޫނުގެ 5 ވަނަ މާއްދާގެ (ހ)ގެ (3) ވަނަ ނަމްބަރާ ހަވާލާދީ، އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ)ގެ ދަށުން މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެވެ.

މި ދައުވާ ސާބިތު ވެއްޖެނަމަ، 100،000ރ. އާއި 1،000،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު (ލޯންޑަރކުރި ފައިސާގެ އަދަދު)ގެ 5 ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެހެންކަމުން މި ދައުވާއާ ގުޅިގެން ޖުރިމަނާ ކުރެވޭނެ އެންމެ މަތީ އަދަދަކީ 5،585،000 ޑޮލަރެވެ.

މި ދައުވާތަކަށް އިންކާރު ކުރައްވައި ރައީސް ޔާމީނުގެ ފަރާތުން ވަނީ މި މައްސަލައިގައި ހިމެނޭ ލިއެކިއުންތަކެއް ޝަރީއަތް މެދުވެރިކޮށް ދިފާއަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިފައެވެ. އެކަމާ ގުޅޭގޮތުން ދައުލަތުން ނިންމާފައިވަނީ ޝަރީއަތް ކުރިއަށް ދާ މިންވަރަކުން އިތުރު ލިޔުންތައް ހޯދަންޖެހޭ ނަމަ އެކަން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ނިންމުން އިސްތިއުނާފުކޮށް، ލިއުމުން އެ ނިންމުން ދެއްވުމަށްވެސް ދިފާއުން އެދިފައިވެއެވެ.

މި މައްސަލައިގައި ޔާމީނުގެ ފަރާތުން ވަނީ ދައުވާއަށް ޖަވާބުދާރީވުމަށް އިތުރު ވަގުތު ބޭނުންވާކަން ފާހަގަ ކޮށްފައެވެ. އެއާއެކު ދެފަރާތުންވެސް ފާހަގަކުރި ކަންކަމަށް ބައްލަވައި މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ މިހިނގާ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 1400 ގައި ދިފާއަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށް އަޑުއެހުމެއް ބޭއްވުމަށް ނިންމަވާފައެވެ.

ރައީސް ޔާމީން މި ވަގުތު ވެސް ގެންދަވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ގއ. ވޮޑުމުލާގައި ރިސޯޓެއް ހެދުމަށް ކުއްޔަށް ދިން މައްސަލައެއްގައި، އަމިއްލަފުޅު އެކައުންޓަށް 1،000،000 ޑޮލަރު ޖަމާކޮށް، މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެއް ސާބިތުވެ، 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

- ކޮމެންޓް
7 ޖެނުއަރީ 2021 | ބުރާސްފަތި 18:51
ސަރީފް
ގޮތްހުސްވަނީ ދެންއިސާހިތަކުއިސްތިއުފާދީފާނެ