އެމެރިކާގައި ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރަމުން އަންނަ އަދަދަށްވުރެ ހަތަރު ގުނަ އިތުރަށް މީހުންނަށް ކޮވިޑް ޖެހިފައި ހުންނާނެކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހާ ހަމައަށް އައިއިރު އެމެރިކާގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު އުޅުނީ 11 މިލިއަންގައެވެ. އެހެންނަމަވެސް މެޑިކަލް ޖަރނަލް އެއްގައި ޝާއިއުކޮށްފައިވާ މިދިރާސާ ދައްކާގޮތުގައި އެހާހިސާބަށް އައިއިރު އެމެރިކާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 46.9 މިލިއަނަށް އަރާފައެވެ.
މިދިރާސާއިން ދައްކާގޮތުގައި ނޮވެމްބަރ މަހުގެ މެދު ތެރެއާ ހިސާބަށް އައިއިރު އެމެރިކާގެ އާބާދީގެ 14 އިންސައްތައަށް ވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. މީގެއިތުރުން ކޮވިޑް ޖެހިގެން މަރުވި މީހުންގެ 35 އިންސައްތަ މަރު ރިކޯޑް ކުރެވިފައިނުވާ ކަމަށްވެސް މިރިޕޯޓުން ހާމަވެއެވެ.
ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދުތައް ރިޕޯޓްކުރުމުގައި މިހާބޮޑަށް ދަށްކޮށް އުޅެނީ ކޮވިޑްގެ އަލާމާތްތައް ފެނިގެން އެތައް ބަޔަކު ޑޮކްޓަރުންނަށް ދައްކާ ޓެސްޓްކޮށްފައި ނުވާތީ ކަމަށް މިދިރާސާގައި ބުނެފައިވެއެވެ.
މިދިރާސާ ރިޕޯޓް ދައްކާގޮތުގައި ކޮވިޑް ޖެހޭ މީހުންގެ 40 އިންސައްތަ މީހުންނަކީ އަލާމާތްތައް ނުފެނި ވައިރަސް އަށް ޕޮޒިޓިވްވެފައިވާ މީހުންނެވެ. އެހެންކަމުން އެމީހުން ވައިރަސް އަށް ޓެސްޓްކޮށްފައިނުވާނެ ކަމަށް ރިޕޯޓް ބުނެއެވެ.
މިދިރާސާ ކުރިޔަށް ގެންދިޔުމަށްޓަކައި ދިރާސާކުރާ މީހުން ވަނީ އެމެރިކާގެ އެކި ހިސާބުތަކުން މީހުންގެ ސާމްޕަލް ނަގައިގެން އެންޓިބޮޑީ ޓެސްޓް ކުރިޔަށް ގެންގޮސްފައެވެ.
މިދިރާސާ ކުރިޔަށް ގެންދިޔުމަށްޓަކައި ދެން އަޅާކީ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކޮވިޑް ޖެހިފައި ތިބި މީހުންނާއި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބި މީހުން އަދި މަރުވެފައިވާ މީހުންގެ އަދަދާއި އެންޓިބޮޑީ ޓެސްޓްގެ ނަތީޖާ އާއެވެ.
އެމެރިކާގައި މިހާރު ކޮވިޑް ޖެހިފައި ތިބި ކަމަށް އެގައުމުގެ ސެންޓަރ ފޮރ ޑިޒީސް އެންޑް ކޮންޓްރޯލް އިން ހާމަކޮށްފައިވަނީ 21 މިލިއަން މީހުންނެވެ. އަދި މަރުވެފައިވާކަމަށް ހާމަކޮށްފައިވަނީ 369,990 އެވެ. މާހިރުން ބުނަގޮތުގައި މިމަސް ނިމެންވާއިރު އެގައުމުގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު 4 ލައްކައަށްވުރެ މައްޗަށް އަރާނެއެވެ.