ލޯކަލް ކައުންސިލް އިންތިޚާބު އަވަހަށް ބޭއްވުމަށްޓަކައި އިންތިޚާބާ ބެހޭ ހާއްސަ ޤާނޫނަށް ބަދަލުގެނައުމަށް މަސައްކަތް ކުރުމަށް ދައުރުން ބޭރުން ބާއްވާ ހާއްސަ ޖަލްސާ އަންނަ ބުދަ ދުވަހުގެރެއަށް ތާވަލުކޮށްފިއެވެ.
މި ޖަލްސާ ތާވަލުކޮށްފައިވަނީ ޖެނުއަރީ މަހުގެ 13 ވާ ބުދަ ދުވަހުގެރޭ 08:30 ށެވެ. އަދި މި ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 3/2020 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ހާއްސަ ޤާނޫނު 2020) އަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ބޭއްވުމަށް ދިމާވެފައިވާ ޤާނޫނީ ބައެއް ހުރަސްތަކަށް ހައްލު ހޯދުމަށް "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ހާއްސަ ޤާނޫނު 2020" އަށް އިސްލާހު ގެނައުމަށް ކަމާ ބެހޭ ބިލެއް ސަރުކާރުން އެކުލަވާލަމުންދާ ކަމަށާއި، އެ ބިލު ވީހާވެސް އަވަހަކަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ދާދި ފަހުން ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުވެސް ވިދާޅުވެފައިވެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އިންތިޚާބު ފަސްކުރީ ހާއްސަ ޤާނޫނެއްގެ ދަށުން މި އަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހަކީ އިންތިޚާބު ބޭއްވުމަށް ކަނޑައެޅޭނެ އެންމެ ފަހު ތާރީޚު ކަމަށް ބަޔާން ކުރުމަށްފަހުގައެވެ. ނަމަވެސް އިންތިޚާބު ބާއްވަން އޮތް އެންމެ ބޮޑު ހުރަހަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށްވާއިރު، އެ ހާލަތުން އަރައިގަނެވޭނެ ވަކި ދުވަހެއް ނޭނގޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ހާއްސަ ޤާނޫނަށް އިސްލާހުތަކެއް ގެނެސް، މި ޖެނުއަރީ މަހު އެ އިސްލާހުތަކަށް އަމަލުކުރަން ފެށިއްޖެނަމަ ލޯކަލް ކައުންސިލް އިންތިޚާބު ތިނެއް އޭޕްރީލުގައި ބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފުވެސް ވިދާޅުވެފައިވެއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، މިހާރު ޤާނޫނުގައި ބުނާ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިޚާބު ބޭއްވުން އެއީ ނުވާނެ ކަމެއް ކަމަށާއި، އެކަމަކު ރައްޔިތުންގެ މަޖިލީހާއި މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގެ ހާއްސަ ޤާނޫނަށް އިސްލާހުތަކެއް މި ޖެނުއަރީ މަހު ގެނެވި އިސްލާހުތަކަށް އަމަލުކުރަން ފެށިއްޖެނަމަމ ލޯކަލް ކައުންސިލް އިންތިޚާބު ތިނެއް އޭޕްރީލުގައި ބޭއްވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ޤާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އެއްބާރުލުން ލިބެމުން އަންނަ ކަމަށާއި، އެގޮތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް އިލެކްޝަންސް ކޮމިޝަނަށް ލިބެމުން އަންނަ ކަމަށެވެ.