ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައި، ސިއްޙީ ކުއްލި ނުރައްކަލު ހާލަތު އުވާނުލެވުނަސް ކައުންސިލް އިންތިޚާބު ބޭއްވޭނެގޮތައް ޤާނޫނު އިސްލާާހުކުރުމަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއަށް އެޑްރެސްކުރައްވާ ހުޅުމާލެ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީގެ ގްރޫޕްގެ މެމްބަރު އަލީ ނިޔާޒު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު 2020 އިތުރަށް ފަސްނުކޮށް، ބޭއްވޭނެމަގު ފަހިކުރުމަށްޓަކައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020އަށް އިސްލާހު ހުށަހެޅުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ސަރުކާރުން ފޮނުވާފައިވާ ކަމަށެވެ. އެބިލަކީ ވީހާވެސް އަވަހަކަށް ނިންމުން މުހިއްމު ބިލެއްކަމުން، އެބިލްގެ މަސައްކަތް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާތަކެއް ބާއްވައިދެއްވުން އެދި މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ (ރ)ގައިވާ ގޮތުގެމަތިން ހުށަހަޅާ ކަމަށް ނިޔާޒު ފޮނުއްވި ސިޓިގައި ވިދާޅުވެފައިވެއެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލާތު އިތުރުކޮށްފައިވާތީ، އިލެކްޝަންސް ކޮމިޝަނުން ބުނަމުންދަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު މިހާރު ބޭއްވުމަށް ނިންމާފައިވާ ތާރީހުގައި އިންތިހާބު ނުބޭއްވޭނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައިވަނީ އަންނަ މާރޗު މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށްޓަކައި މަޝްވަރާކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމަށް ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މީގެ ކުރިން ވިދާޅުވެފައިވަނީ، ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް މިހާރު ކަނޑައެޅިފައިވާ ތާރީޚަށް ބޭއްވުމަށް ޤާނޫނަށް ބަދަލު ގެންނަންޖެހޭ ކަމަށާއި، އެގޮތުން އެކަން ކުރެވެން އޮތީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ކަމަށެވެ. އެގޮތުން މި މަހުގެ ތެރޭގައި ޖަލްސާ ބާއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމަށް ދިމާވެފައިވާ ޤާނޫނީ ހުރަސްތަކާ ގުޅޭގޮތުން ބަންޑާރަނައިބު އިބްރާހީމް ރިއްފަތުވެސް ވާހަކަ ދައްކަވާފައިވެއެވެ. އެގޮތުން ރިފްއަތު ވިދާޅުވެފައިވަނީ، ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ބޭއްވުމަށް ދިމާވެފައިވާ ޤާނޫނީ ބައެއް ހުރަސްތަކަށް ހައްލު ހޯދުމަށް "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ހާއްސަ ޤާނޫނު 2020" އަށް އިސްލާހު ގެނައުމަށް ކަމާ ބެހޭ ބިލެއް ސަރުކާރުން އެކުލަވާލަމުންދާ ކަމަށެވެ. އަދި އެ ބިލު ވީހާވެސް އަވަހަކަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށްވެސް ރިފްއަތު ވިދާޅުވިއެވެ.
އޭގެ އިތުރުން، ލޯކަލް ކައުންސިލް އިންތިޚާބު އަވަހަށް ބާއްވަން ޤާނޫނަށް ބަދަލު ގެންނަންޖެހޭނަމަ މިހާރު އެކަން ކުރުންވެސް ވަރަށް މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އިންތިޚާބު ފަސްކުރީ ހާއްސަ ޤާނޫނެއްގެ ދަށުން މި އަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހަކީ އިންތިޚާބު ބޭއްވުމަށް ކަނޑައެޅޭނެ އެންމެ ފަހު ތާރީޚު ކަމަށް ބަޔާން ކުރުމަށްފަހުގައެވެ. ނަމަވެސް އިންތިޚާބު ބާއްވަން އޮތް އެންމެ ބޮޑު ހުރަހަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށްވާއިރު، އެ ހާލަތުން އަރައިގަނެވޭނެ ވަކި ދުވަހެއް ނޭނގޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވެއެވެ.