ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ދިމާވެފައިވާ ޤާނޫނީ ހުރަސްތަކަށް ޙައްލެއް ގެނައުމާ ގުޅޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
އެކަން ހާމަ ކުރައްވައި ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ދިމާވެފައިވާ ޤާނޫނީ ބައެއް ހުރަސްތަކަށް ޙައްލު ހޯދުމަށް "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020" އަށް އިޞްލާޙު ގެނައުމަށް ކަމާ ބެހޭ ބިލެއް ސަރުކާރުން އެކުލަވާލަމުންދާ ކަމަށެވެ. އަދި އެ ބިލު ވީހާވެސް އަވަހަކަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށްވެސް ރިއްފަތު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު އަވަހަށް ބާއްވަން ޤާނޫނަށް ބަދަލު ގެންނަންޖެހޭނަމަ މިހާރު އެކަން ކުރުންވެސް ވަރަށް މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން ކައުންސިލް އިންތިޚާބު ބޭއްވުމުގައި ދިމާވަމުން އަންނަ ހުރަސްތަކާ ގުޅިގެން ޤާނޫނު އިސްލާހު ކުރުމަށް އިލެކްޝަންސް ކޮމިޝަނުންވެސް ދާދި ފަހުން ވަނީ ގޮވާލާފައެވެ. ކައުންސިލް އިންތިޚާބު ފަސްކުރިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވެފައިވާއިރު، އިލެކްޝަނުން މަސައްކަތްކުރަމުން އައީ މި އަހަރުގެ މާޗު މަހު އިންތިޚާބު ބޭއްވުމަށެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމުން، އިލެކްޝަނުން ވަނީ މާޗު މަހުގައިވެސް އިންތިޚާބު ނުބޭއްވޭނެ ކަމަށް މީގެ ކުރިން ބުނެފައެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އިންތިޚާބު ފަސްކުރީ ހާއްސަ ޤާނޫނެއްގެ ދަށުން މި އަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހަކީ އިންތިޚާބު ބޭއްވުމަށް ކަނޑައެޅޭނެ އެންމެ ފަހު ތާރީޚު ކަމަށް ބަޔާންކުރުމަށްފަހުގައެވެ. ނަމަވެސް އިންތިޚާބު ބާއްވަން އޮތް އެންމެ ބޮޑު ހުރަހަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށްވާއިރު، އެ ހާލަތުން އަރައިގަނެވޭނެ ވަކި ދުވަހެއް ނޭނގޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައި ވެއެވެ.
އެހެންވެ ރައްކާތެރިކަމާއެކު އިންތިޚާބު ބޭއްވޭނެ ގޮތަކާ މެދު އިލެކްޝަނާ އެޗްޕީއޭއިންވެސް މީގެ ކުރިން މަޝްވަރާކޮށްފައިވެއެވެ. ނަމަވެސް އެކަމަށް އަދި ގޮތެއް ނިމިފައެއް ނުވެއެވެ.