އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިންގ ސްކޫލް (ފްލައިންގ ސްކޫލް) ގެ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އިތުރުފުޅު ހައްދަވާފައިވާ ކަމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޒުހައިރު ވިދާޅުވެއްޖެއެވެ.
ޒުހައިރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އެޑްރެސްކުރައްވައި ބުދަ ދުވަހު ފޮނުއްވި ސިޓީއެއްގައެވެ. ޒުހައިރު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ބޭއްވި އެ ބައްދަލުވުމުގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަހުލާ، ޒުހައިރާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކީ އެއްވެސް އަސާސެއް އަދި އަސްލެއް ނެތް ވާހަކަތަކެއްކަން ރައްޔިތުންގެ މަޖިލީހުގެ އަދި އެ ކޮމިޓީގެ ސަމާލުކަމަށް ގެންނަ ކަމަށެވެ.
ކޮމިޓީގެ އެ ބައްދަލުވުމުގައި މިނިސްޓަރު ނަހުލާ ވިދާޅުވެފައިވަނީ، ރަސްމީ ހައިސިއްޔަތެއްގައި މިނިސްޓަރާ ހަމައަށް މި މައްސަލަ އައީ 2020 ވަނަ އަހަރުގެ ފަހުކޮޅު ކަމަށެވެ. އަދި ފްލައިންގ ސްކޫލުގެ މައްސަލަ ފެންމަތިވުމާ ގުޅިގެން އެ މައްސަލަ ބެލުމަށް ސްޓޭޓް މިނިސްޓަރު ޒުހައިރާ ހަވާލުކުރެއްވި ކަމަށާއި، ނަމަވެސް އެ މައްސަލައަށް އެކަށިގެންވާ ހައްލެއް ގެނެވިފައިނުވާތީ، އެ މައްސަލަ ބެލުމަށްޓަކައި 2020 ވަނަ އަހަރުގެ ފަހުކޮޅު އަމިއްލަފުޅަށް ހަވާލުވެލެއްވީ ކަމަށްވެސް މިނިސްޓަރު ނަހުލާ ވިދާޅުވެފައިވެއެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ޒުހައިރު ފޮނުއްވާފައިވާ އެ ސިޓީގައި ވިދާޅުވެފައިވަނީ، ފްލައިންގ ސްކޫލުގެ މައްސަލަ މިނިސްޓަރު ނަހުލާއާ ހަމައަށް އައީ ނިމިދިޔަ އަހަރުގެ ފަހު ކޮޅުކަމަށް ވިދާޅުވެ، އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. ޒުހައިރު ވިދާޅުވެފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހު މިނިސްޓަރަށް އަދި ސިވިލް އޭވިއޭޝަނުގެ ޗީފް އެގްޒެކެޓިވް ޙުސެއިން ޖަލީލަށް ސީސީކޮށް، ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލް ޢަނީއަށް ފްލައިންގ ސްކޫލުގެ މައްސަލަތަކާއި ގުޅޭގޮތުން ޑެޕިއުޓީ މިނިސްޓަރު ހަމަދުގެ ބެލުމުގެ ދަށުން ކޮމްޕްރިހެންސިވް ރިޕޯޓެއް ތައްޔާރުކުރުމަށް އީމެއިލްގެ ޒަރީއާއިން ދަންނަވާފައިވާނެ ކަމަށެވެ. އަދި ހަމަ އެ ދުވަހު ޑެޕިއުޓީ މިނިސްޓަރު ހަމަދު އެ އީމެއިލްއަށް ޖަވާބުދެއްވައި، އެ މަސައްކަތް ކުރައްވާނެ ކަމުގައި ދަންނަވާފައިވާ ކަމަށްވެސް ޒުހައިރުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ޒުހައިރު ވިދާޅުވެފައިވަނީ، ވަޒީފާއ ހަވާލުވީއްސުރެ މިއަދާ ހަމައަށް ފްލައިންގ ސްކޫލާއި ގުޅޭގޮތުން އެއްވެސް މެމޯއެއް މިނިސްޓަރު ސޮއިކޮށް ނެރުއްވާފައިނުވާ ކަމަށާއި، އަދި ވަޒީފާއާ ހަވާލުވިފަހުން މިއަދާ ހަމައަށް މިނިސްޓަރުގެ ފަރާތްޕުޅުން އެއްވެސް ކަމަކާ ގުޅޭގޮތުން އެއްވެސް އީމޭއިލެއް، އަދި އެކި ކަންކަމާ ގުޅޭގޮތުން އޭނާ ފޮނުވި އެއްވެސް އީމެއިލެއްގެ ޖަވާބުވެސް ލިބިފައި ނުވާ ކަމަށެވެ.
މީގެއިތުރުން ޒުހައިރު ވިދާޅުވެފައިވަނީ ކޮމިޓީގެ އެ ބައްދަލުވުމުގައި މަޝްވަރާކުރުވުނު ފްލައިންގ ސްކޫލުގެ މައްސަލައަކީ ވަރަށް ހައްސާސީ މައްސަލައަކަށް ވެފައި، މިކަމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަމަކަށް ވާތީ އާއި އަދި އެ ކަމަކީ އޭނާ ނިސްބަތްވާ އައްޑޫ ސިޓީގެ ރައްޔިތުންނާއި ގުޅުން ބޮޑު މައްސަލައެއް ކަމަށްވާތީ، ކަމުގެ ހަގީގަތް ހާމަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް އެކަން ގެންނެވީ ކަމަށެވެ.