އައު އަހަރުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި 15،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ ފަސް ދުވަހު ޖުމްލަ 15،678 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. އޭގެ ތެރެއިންއެންމެ ގިނަ ފަތުރުވެރިން އައީ އަހަރުގެ ތިން ވަނަ ދުވަހު އެވެ. އެއީ 4،195 ފަތުރުވެރިންނެވެ. އަހަރުގެ ފުރަތަމަ ދުވަހު 2،005 ފަތުރުވެރިން އަި އިރު ދެވަނަ ދުވަހު އައީ 4،160 ފަތުރުވެރިންނެވެ. އަދި ތިން ހަތަރު ދުވަހު 2،646 ފަތުރުވެރިންގެ އިތުރަށް ފަސް ވަނަ ދުވަހު އައީ 2،672 ފަތުރުވެރިންނެވެ.
މިހާތަނަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެއީ 4،940 ފަތުރުވެރިންނެވެ. ދެވަނަ އަށް އިންޑިއާއިން 1،395 ފަތުރުވެރިން އައިސްފައިވާއިރު އެންމެ މަދު ފަތުރުވެރިން އައީ އެމެރިކާއިންނެވެ. އެއީ 357 ފަތުރުވެރިންނެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު މިދިޔަ އަހަރު މާޗް މަހުގައި ބަންދުކުރުމަށް ފަހު ދެން ބޯޑަރު ހުޅުވީ ޖުލައި މަހުގަ އެވެ. އޭގެ ފަހުން ރިސޯޓުތަކަށް ފަތުރުވެރިންނަށް އާދެވޭ ގޮތަށް އޮތުމަށް ފަހު ލޯކަލް ޓޫރިޒަމް އަށް ހުޅުވާލީ އޮކްޓޯބަރު މަހުގަ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް ޖުމްލަ 555،399 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.
ބޯޑަރުތައް ހުޅުވާލައި ލޯކަލް ޓޫރިޒަމް އަށް ހުޅުވާލި ނަމަވެސް ރަށްރަށުގައި ހުރިހާ ގެސްޓު ހައުސް އެއް އޮޕަރޭޓޭއް ނުކުރެ އެވެ. މިވަގުތު އޮޕަރޭޓްކުރާ ތިބީ 43 ރަށަކުން 269 ގެސްޓު ހައުސް އާއެވެ. މީގެ އިތުރަށް ސަފާރީތަކާއި ރިސޯޓުތައް ހިމެނޭގޮތުން ޖުމްލަ 41،792 ޓޫރިޒަޓު ބެޑް މިހާރު އޮޕަރޭޓް ކުރެ އެވެ.