ކ. މާލެ
|
25 ޑިސެންބަރ 2020 | ހުކުރު 18:24
އޮތެންޓިކް މޯލްޑިވްސް ހުޅުމާލެ ފިހާރަގައި ހުންނަ ކުޑަކުދިންނަށް ހާއްސަ ކޯނަރ
އޮތެންޓިކް މޯލްޑިވްސް ހުޅުމާލެ ފިހާރަގައި ހުންނަ ކުޑަކުދިންނަށް ހާއްސަ ކޯނަރ
"އައި ޗޫޒް ލޯކަލް" ކެމްޕެއިން
ދިވެހި އުފެއްދުންތައް ޕްރޮމޯޓްކުރުމަށް "އައި ޗޫޒް ލޯކަލް"ގެ ނަމުގައި ކެމްޕެއިނެއް ފަށައިފި
 
އޮތެންޓިކް މޯލްޑިވްސްގެ 3 ވަނަ ފިހާރައެއް މާލޭގައި ޤާއިމުކުރުމަށް ދަނީ މަސައްކަތްކުރަމުން
 
ބީސީސީއަކީ 2017 ވަނަ އަހަރު އުފައްދާފައިވާ ސަރުކާރު ހިއްސާވާ ކުންފުންޏެއް

"އޮތެންޓިކް މޯލްޑިވްސް" ޕްރޮމޯޓް ކުރުމަށްޓަކައި "އައި ޗޫޒް ލޯކަލް"ގެ ނަމުގައި ޚާއްސަ ކެމްޕެއިނެއް ހިންގުމަށް ނިންމާފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން(ބީސީސީ) ބުނެފިއެވެ

މި ކެމްޕެއިން އޮތީ 25 ޑިސެންބަރު 2020 އިން 25 މާރިޗު 2021 ގެ ނިޔަލަށެއެވެ. އޮތެންޓިކް މޯލްޑިވްސްގެ 3 ވަނަ ފިހާރައެއް މާލޭގައި ޤާއިމުކުރުމަށް އަމާޒުހިފާފައިވާއިރު، މި ކެމްޕެއިންގެ މައިގަނޑު މަޤްސަދަކީ ދިވެހި އުފެއްދުންތަކާއި ދިވެހި ވިޔަފާރިތައް ކުރިއެރުވުމުގެ މަސައްކަތް ގައުމީ ފެންވަރެއްގައި ފަށައިގަތުން ކަމަށް ބީސީސީން ބުނެއެވެ.

އިވެންޓްތަކެއް ބާއްވައި، ޕޮޑްކާސްޓްތަކާއި އިންޓަރވިއުތަކުގެ ޒަރިއްޔާއިން ދިވެހި އުފެއްދުންތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށާއި މި ކެމްޕެއިންގެ ތެރެއިން، ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތަކުގެ އިތުރުން ދިވެހި އިޤްތިސާދު ކުރިއެރުވުމަށްޓަކައި ދިވެހި އުފެއްދުންތަކަށް މުޖުތަމައުގެ އެއްބާރުލުން ދިނުމުގެ މުހިއްމުކަމާއި ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރާނެ ކަމަށްވެސް ބީސީސީން ވަނީ ބުނެފައެވެ.

މި އިވެންޓްތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް، ޚާއްސަ ލަކީޑްރޯއެއްގައި ބައިވެރިވެ، ދިވެހި އުފެއްދުންތައް ޕްރޮމޯޓްކުރުމުގެ ގޮތުން ހުށަހަޅާ ޚާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މީގެ އިތުރުން، އާންމުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ސޯޝަލް މީޑިއާ މެދުވެރިކޮށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މައިގަނޑު މަޤްސަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ އެކިއެކި ފުރުސަތުތަކާއި ޚިދުމަތްތައް ފޯރުކޮށްދީ ކުދި ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމަށް މަސައްކަތްކުރުމެވެ.

މި މަޤްސަދު ހާސިލްކުރުމުގެ ގޮތުން، ފަރުތުރުވެރިންނަށް ދިވެހި އުފެއްދުންތައް ތައާރަފުކޮށް ވިއްކޭނެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ބީސީސީއިން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑިއުޓީ ފްރީ ސަރަހައްދުގައިގައި "އޮތެންޓިކް މޯލްޑިވްސް"ގެ ނަމުގައި ފިހާރައެއް ހުޅުވާފައެވެ.

ގޭގައިގައި ތިއްބަވައިގެން ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތަކުން ފެށިގެން ނަން މަޝްހޫރު ދިވެހި ބްރޭޑްތައް ހިމެނޭގޮތުން 60 އަށްވުރެގިނަ ސަޕްލަޔަރުންގެ މުދާ މި ފިހާރައިން ލިބެން ހުރެއެވެ. ފުރަތަމަ ފިހާރައަށް ލިބެމުންދާ ކާމިޔާބަށް ބަލައި، ދިވެހިންނަށާއި ފަތުރުވެރިންނަށް އަމާޒުކޮށް ބީސީސީއިން ވަނީ އޮތެންޓިކް މޯލްޑިވްސްގެ 2 ވަނަ ފިހާރައެއް ހުޅުމާލޭ ސެންޓްރޯ މޯލްގައި ޤާއިމުކޮށްފައެވެ. ހުޅުމާލޭގައި ހުޅުވި މި ފިހާރަގައި ކުޑަކުދިން ވިޔަފާރީގެ ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަޤްސަދުގައި އެކުދިން އުފައްދާ ތަކެތި ވިއްކުމަށް "ކިޑްސް ކޯނަރ"އެއް ހިމަނާފައިވެއެވެ.

ބީސީސީއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އިސްނެންގެވުމުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެކުލަވާލެވޭ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި 2017 ވަނަ އަހަރު އުފައްދާފައިވާ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
100%
0%
0%
ކޮމެންޓް