ރާއްޖެ ހިމެނޭ ސަރަޙައްދުގައި އުފެދިފައިވާ ޓްރަފްގެ ސަބަބުން ކުރިއަށް އޮތް 48 ގަޑިއިރު، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު، ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދީފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ، މިކަމާއި ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ގުގުރާނެ ކަމަށާއި، ހއ. އަތޮޅުން ފެށިގެން އއ. އަތޮޅާ ދެމެދުގެ ސަރަޙައްދަށް ވައި ގަދަވެ، ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި، މެންދުރު ފަހުން ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.
އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ކަމަށާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ވާނެއެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިން 3–6 ފޫޓު، ދެކުނުގެ އަތޮޅު ތަކަށް 2–5 ފޫޓު ހުންނާނެއެވެ.
މެޓް އޮފީހުން ވަނީ، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ކަނޑުދަތުރު ކުރައްވާފަރާތްތަކުން މޫސުމަށް ސަމާލުވުމުގެ އިތުރުން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ފެންބޮޑުވެދާނެ ކަމަށް ލަފާކުރެވޭތީވެ، އާންމުކޮށް ފެންބޮޑުވާ ރަށްތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ.