ދަރިމައިވުމުގެ މައްސަލަތައް ދިމާވާ މީހުންނަށް ނަފްސާނީ ގޮތުން ދިމާވާ ކަންކަމަށް އެންމެންގެ އެހީތެރިކަން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހުން ވިދާޅުވީ، ހޯމަ ދުވަހު ކައިމޫ ހޮޓެލްގައި އޮތް ފާޓިލިޓީސަޕޯޓް ކޮމިއުނީޓީގެ ޚާއްސަ ސަޕޯޓް ގުރޫޕް ސެޝަންގައި ވާހަކަ ދައްކަވަމުންނެވެ. ޖަލްސާގެ ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން އެކަމަނާ ވަނީ، ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއެއް އޮތުމުގެ މުހިއްމު ކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އަދި، ދަރިމައިވުމުގެ މައްސަލަތައް ދިމާވާ މީހުންނަށް ބޭނުންވާ އެހީތެރިކަން އަދި އެއްބާރުލުން ދިނުމަށް ގޮވާލައި މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން އެމީހުންނަށް ދިމާވާ ކަންކަމުގައި އެހެން މީހުންގެ އެހީތެރިކަން ބޭނުންވާކަމަށް ވިދާޅުވެފައެވެ.
ފާޓިލިިޓީ ސަޕޯޓް ކޮމިއުނިޓީ އަކީ ދަރިމައިވުމަށް ދަތިތައް ހުންނަ މީހުންނަށް ސައްހަ މައުލޫމާތު ދީ ހޭލުންތެރިކުރުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މަގުސަދުތަކުގެ ތެރޭގައި ދަރިމައިވުމަށް ހުރަސްތައް ހުރި މީހުންނަށް އިތުރު ބޭސްފަރުވާ ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރުން ހިމެނެއެވެ. ސަޕޯޓް ސެޝަންގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ބައިވެރިވެ ވަޑައިގެން ސަޕޯޓް ސެޝަންގެ ބައިވެރިން ދެއްކި ވާހަކަތައް އަޑުއެއްސެވެިއެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން، ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފައުންޑަރ އާޝާ ހުސެއިން ވިދާޅުވީ ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އެންޖީއޯ އެއްގެ ގޮތުގައި ރެޖިސްޓަރކޮށް އިތުރު ހަރަކާތްތައް ކުރިއަށް ގެންދަވާނެކަމެވެ. އަދި ރާއްޖޭގައި ފާޓިލިޓީ ރައިޓްސް ހޯދާދިނުމަށް ޕޮލިސީ ލެވެލްގައި ކުރަން ހުރި މަސައްކަތްތައް ޖަމިއްޔާއިން ކުރާނެ ކަމުގައި އާޝާ ވިދާޅުވިއެވެ.
މި ސެޝަންގައި 21 ބައިވެރިންގެ އިތުުރުން އޮންލައިންކޮށް ޒޫމް މެދުވެރިކޮށް ބައެއް ފަރާތުން ބައިވެރިވެފައިވެއެވެ. އަދި ދަރިމައިވުމުގެ ކަންކަމާއި ގުޅޭގޮތުން މެންޓަލް ހެލްތް އެވެއާރނަސް ގެ ހާއްސަ ސެޝަނެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. ވޭތުވެ ދިޔަ އަހަރުތެރޭގައި ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އިން ވަނީ ޖުމްލަ 6 ސެޝަނެއް ބާއްވާފައެވެ. އަދި ކުރިއަށް އޮތްތާނގައި އެންޖީއޯއަކަށް ވުމުން އިތުރަށް ހޭލުންތެރި ޕްރޮގްރާމްތަކާއި މައުލޫމާތު ބައްދަލުވުން އަދި ސެޝަންތައް ބޭއްވުމަށް ހަމަޖައްސާފައެވެ.
ފާޓިލިޓީ ސަޕޯޓު ގްރޫޕުން އަހަރީ ދުވަހާއި ގުޅިގެން ބޭއްވި މި ސެޝަންގެ ސްޕޮންސަރުންނަކީ ކައިމޫ ގްރޫޕް އަދި ހެލްތް އެންޑް ގްލޯ ފާމަސީ އެވެ. ޑިޖިޓަލް ޕާރޓްނާރ އަކީ އުރީދޫ އެވެ.