ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނީޓީ ފަންޑުން އިތުރު 10 ރަށަށަކަށް މާލީ އެހީތެރިކަން ދީފި އެވެ.
ބީއެމްއެލްއިން ބުނީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް ހިންގާ 'އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑު'ގެ ދަށުން 2020 ވަނަ އަހަރުގެ ފަހު ފިޔަވަހީގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވައިފައިވާ ކަމަށެވެ.
މި ގޮތުން ހޮވުނު ދިހަ ޕްރޮޖެކްޓަކީ:
- ށ. ގޮއިދޫގެ މަގުތަކުގައި ސޯލާ ލައިޓް ހަރުކުރުން –- އިބްރާހިމް ނިޝާމް އަހުމަދު
- ރ. ފައިނުގައި ލައިބްރަރީއެއް ތަރައްގީ ކުރުން –- ފައިނު އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެންޑެވަރސް
- ބ. އޭދަފުށީގައި ކޮމިއުނިޓީ ޕާކެއް ތަރައްގީ ކުރުން –- ވެސްޓް ވިންގްސް އޭދަފުށި
- ޅ. ކުރެންދޫގައި ކޮމިއުނިޓީ ފެސިލިޓީ ތަރައްގީ ކުރުން - ކުރެންދޫ އެންވަޔަރަމަންޓް އެޑިޔުކޭޝަން ސްޕޯރޓްސް އެސޯސިއޭޝަން (ކީސާ)
- ހުޅުމާލޭގައި ކުޑަކުދިން ފޮތް ކިޔުމަށް ހާއްސަ ތަނެއް ތަރައްގީ ކުރުން –- ޗިލްޑްރަން އޮފް މޯލްޑިވްސް
- އއ. ބޮޑުފުޅަދޫގައި މަސްކަނޑަން ހާއްސަ ތަނެއް ގާއިމް ކުރުން - ރިވަލޫޝަނަރީ ބޮޑުފުޅަދޫ ޖެނެރޭޝަން
- އއ. ތޮއްޑޫގައި ފޮތް ކިޔާ ޕާކެއް ގާއިމް ކުރުން –- އާދަމް އަފްސަލް
- ލ. ފޮނަދޫގައި ކޮމިއުނިޓީ ގާޑަންއެއް ތަރައްގީ ކުރުން - ފޮނަދޫ އެންވަރަމެންޓް އެންޑް ސަސްޓެއިނަބިލިޓީ ޑިވަލޮޕްމަންޓް
- ގދ. ގައްދޫގައި ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށްދިނުން- ސާސްޓްރާ ކޮމުއުނިޓީ
- ގދ. ހޯޑެއްދޫގައި ނޭޗަރ ޕާކް ތަރައްގީ ކުރުން –- ހޯޑެއްދޫ ސްޕޯޓްސް
ކޮމިއުނީޓީ ފަންޑުން އިތުރު 10 ރަށަށަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް މިފަހަރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުމަށް ވަރަށް ރަނގަޅު ގިނަ ޕްރޮޕޯސަލްތަކެއް ލިބިގެން ދިޔަ ކަމަށެވެ.
ޖަމިއްޔާތަކުންނާއި އާންމު ފަރުދުންގެ ފަރާތުން ރަށްރަށަށް ބޭނުންތެރި މިފަދަ ޕްރޮޖެކްޓްތައް ކަރުދާހަށް ގެންނަވައި އަމަލީ މަސައްކަތް ނިންމެވުމަށް ކުރައްވާ ބުރަ މަސައްކަތްތައް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން. އަދި މި ޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު ނިންމާލުމުގައި ބައިވެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއްވެސްމެބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު
މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 40 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.