ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކުރަމުންދާ ބިލަށް އާންމުންގެ ހިިޔާލު ހޯދަން ހުޅުވާލާފައިވަނީ އަންގާރަ ދުވަހުން ފެށިގެންނެވެ. އެގޮތުން ބިލަށް އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، ބުދަ ދުވަހުގެ 14:00 ގެ ކުރިން މަޖިލީހަށް މެއިލް ނުވަތަ ލިޔުމުން ފޮނުވަން މަޖިލީހުގެ އިދާރާއިން ވަނީ އެދިފައެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އިސްލާހު ހުށައަޅާފައިވަނީ ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ. އެ އިސްލާހުތަކުގެ ތެރޭގައި ކުއްޖާއަށް އެންމެ މަސްލަހުތު ބޮޑު ގޮތަކީ ކުއްޖާއަށް އޭނާގެ އާއިލާގެ ގާތުގައި ބަންދުގައި ހުރުން ކަމަށް ވާތީ އެ ފުރުސަތު ފަހިކޮށްދިނުމަށްވަނީ ހުށައަޅާފައެވެ.
މި އިސްލާހު ހުށަހަޅުއްވަމުން ޖީހާން ވިދާޅުވީ ކުޑަކުދިންގެ އަދަލުގެ ގާނޫނަކީ ރުޖޫއީ އިންސާފުގެ އަސާސްތަކާއި އެއްގޮތަށް ކުޑަކުދިންގެ މަސްލަހަތު އެންމެ އިސްކޮށްގެން ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމަޢުއަށް ރުޖޫއަ ކޮށްދިނުމަށްޓަކައި އެ މަގްސަދުގައި ހަދާފައިވާ ގާނޫނެއް ކަމަށެވެ. އެހެންނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ގާނޫނުގައި ތަސައްވުރުކުރި ވަރަށް ގިނަ ކަންކަން ވަނީ ބަދަލުވެފައި ކަމަށް ޖީހާން ވިދާޅުވިއެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނު ފަރުމާކޮށްފައިވަނީ، ބޮޑެތި މީހުންގެ މައްޗަށް ހިނގާ އާންމު ޖިނާއީ އަދުލުގެ ނިޒާމުން މުޅިން ވަކިކުރެވިފައިވާ ނިޒާމެއް ގާއިމުކުރުމަށް، ވީވަރަކުން އެ ކުދިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ ބަދަލުގައި ޑައިވަރޝަން ނިޒާމުގެ ދަށުން އެކުދިންނާއިމެދު އަމަލުކުރާ ގޮތަށެވެ.