ވެންޓިލޭޓަރު މައްސަލާގައި ދައުވާކުރުން ލަސްވާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި އިބްތިދާއީ ބަހުސްގެ މަރުހަލާގައި މެމްބަރުން ވަނީ ވެންޓިލޭޓަރ މައްސަލަ ފާހަގަކުރައްވާ ވާހަކަދައްކަވާފައެވެ. އެކަމަށް އަލިއަޅުވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ހަތަރު މެމްބަރަކު ވެންޓިލޭޓަރުގެ މައްސަލަ އަނެއްކާވެސް ފާހަގަކުރައްވާ ވާހަކަދައްކަވާފައި ވާކަމަށެވެ.
ވެންޓިލޭޓަރުގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޕީޖީ ވިދާޅުވެފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން( އޭސީސީ) ން ފުރިހަމަކުރަންޖެހޭ ކަންކަން ކުރުމުން ދައުވާ އުފުލާނެކަމަށް ވިދާޅުވިއެވެ.
ދެން ޕީޖީ އަމިއްލަފުޅަށް ދައުވާކުރެއްވުމާއި ނުކުރެއްވުން ނިންމަވަން އޮންނަނީ. އެހެންނަމަވެސް ޕީޖީގެ ދައުވާ ކުރެއްވުމުގައި ވަކިވަކި ބޭފުޅުންނަށް ވަކިވަކި ގޮތްގޮތް ވާގޮތަށް ދައުވާތައް ވާގޮތަށް އަޅުގަނޑުމެންނަށް ފެންނަކަމަށް ވާނަމަ އެއީ ވަރަށް ކަންބޮޑުވާނެކަމެއް. ވެންޓިލޭޓަރުގެ މައްސަލަތަކަކީ ކަނޑައެޅިގެން އޭގައި ވައްކަން ފެންނަން އޮތްކަމެއް. އެކަމުގައި ދައުވާނުކޮށް ގިނަ ދުވަސްތަކެއްވެ ދިގުލައި ދާކަމީ ވަރަށް ކަންބޮޑުވާކަމެއް.ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ވެންޓިލޭޓަރުގެ މައްސަލައިގައި މީގެ ކުރިން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެ މައްސަލަ ވަކިކޮޅެއްގައި ޖެހެންދެން މަޖިލީހުން މައްސަލައިގެ ވާނުވާ ބަލަމުން ގެންދާނެކަމަށެވެ. އަންގާރަ ދުވަހުގެ ޖަލްސާގައިވެސް ރައީސް ނަޝީދު ވަނީ އެ ވިދާޅުވުން ތަކުރާރުކުރައްވާ އެ މައްސަލަ ލަސްވާނަމަ އެކަމާއި މަޖިލީހުން ކަންބޮޑުވާނެކަން ޕީޖީއަށް އެނގިވަޑައިގަންނަވަން ޖެހޭނެކަމަށް ވިދާޅުވެފައެވެ.
ވެންޓިލޭޓަރު މައްސަލައިގައި ބަޔެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ފޮނުވީ ކޮވިޑާއި ގުޅިގެން ހެދި ހެލްތު މިނިސްޓްރީގެ ކޮމްޕްލައަންސް އޮޑިޓް ރިޕޯޓުގައި ފާހަގަވީ ކަންތައްތަކާއި ގުޅިގެންނެވެ. އެގޮތުން ކޮވިޑުގެ ބަލި މީހުންނަށް ފަރުވާ ދޭން ރާއްޖެއަށް ބޭނުންވާ 75 ވެންޓިލޭޓަރު ގެނައުމުގައި ހެލްތް މިނިސްޓްރީން އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަމަށް އެ ރިޕޯޓުން ވަނީ ފާހަގަކޮށްފައެވެ.
މިއީ ކުރިން އޭސީސީން ތަހުގީގުކުރުމަށްފަހު، ހިޔާނާތެއް ނުހިމެނޭ ކަމަށް ނިންމާފައިވާ މަައްސަލައެކެވެ. އޭރު މި މައްސަލަ ތަހުގީގުކުރަން ނިންމީ ވެންޓިލޭޓަރުތައް ގެނައުމަށް ބަޔަކާ ހަވާލުކުރުމުގައި ހިޔާނާތްތަކެއް ހިނގާފައިވާކަމަށް ބުނެ އާންމުންނާއި މީޑިއާތަކުގައި ތިލަވީ ވާހަކަތަކާއި ގުޅިގެންނެވެ.
އޮޑިޓް އޮފީހުގެ ރިޕޯޓާ ގުޅިގެން މައްސަލަ ބެލުމަށް ފަހު އޭސީސީން ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމުން އެ އޮފީހުން ބުނެފައި ވަނީ ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތްކަމަށެވެ. އެހެންކަމުން ވެންޓިލޭޓަރު މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުއުފުލުމަށް ޕީޖީ ވަނީ ނިންމާފައެވެ. ނަމަވެސް، އޭސީސީން ބުނެފައިވަނީ އެ މައްސަލައިގައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވީ އެކަށީގެންވާ ވަރަށް ހެކި ހުރެގެން ކަމަށެވެ.
މި މައްސަލަ މަޖިލީހުން ބެލުމަށްފަހު ނިންމާފައިވަނީ ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައިގައި ދައުވާނުކުރަން ޕީޖީ ނިންމެވި ނިންމެވުން މުރާޖައާކުރުމަށް އެދުމަށެވެ.