ރާއްޖޭގެ ބަލީގެ ހާލަތު ގޯސް ނުވާ ކަމަށާއި، ފެންނަމުންދަނީ ގިނަ މީހުން ހިމެނޭ ބޮޑު ކްލަސްޓާތައް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑިއަމޮލަޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
ހެތްލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ މިހާރު ކޭސްތައް ފެންނަ ޓްރެންޑަށް ބަލާ އިރު، އެކި ދުވަސްތަކުގައި ފެންނަމުން ދަނީ އެކި ވަރަށް ކޭސްތައްކަމަށާއި، އެއްބައި ދުވަސް ދުވަހު މަދު ވެލާފަ އަނެއްކާ ވެސް ގިނަވަމުންދާ ކަމަށެވެ. އަދި ދުވަހުން ދުވަހުގެ ޓްރެންޑަށްވުރެ ބޮޑަށް އެޗްއީއޯސީން ބަލަނީ ވީކްލީ ޓްރެންޑަށް ނުވަތަ މަންތްލީ ޓްރެންޑަށް ކަމަށެވެ.
އެހެންވީމަ އެގޮތަށް ބަލާފައި އަޅުގަނޑުމެން ނިންމާނީ ކުރިއަށްދާނީ ކިހިނެއް ކަން. ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ނުދަންނަވާނަން. އެއީ ގިނަ ފަހަރު ފެންނަ ކްލަސްޓާތަކަކީ ގިނަ ބަޔަކު ހިމެނޭ އެއް ކްލަސްޓާ ނުވަތަ ދެ ކްލަސްޓާއެއް. ވަކިވަކިން ހުންނަ ކްލަސްޓާތަކަކީ މަދު މީހުން ހިމެނޭ ކްލަސްޓާތަކެއް. އެއީ ރަނގަޅު އަލާމާތެއްގެ ގޮތުގައި ވެސް ބެލިދާނެ. އެހެންނަމަވެސް ވަކި ކަހަލަ ތަންތަނުން ގިނަ ކްލަސްޓާތައް ފެނުން، އޭގެ ތެރޭގައި ރިސޯޓްތަކުން ފެންނަ މީހުންގެ އަދަދު އިތުރުވުން ނުވަތަ މަސައްކަތް ކުރާ މުވައްޒަފުންގެ ތެރޭގައި ކޭސްތައް އިތުރުވުން. އޭގެ ތެރޭގައި ބެލެވޭނެ އެއްކަމަކީ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ އިރުޝާދުތަކަށް އަމަލު ނުކުރެވެނީ ކަމަށް. ހާއްސަކޮށް ހަދަމުންދާ ރިސޯޓެއް ފަދަ ތަނެއްކަމުގައިވާނަމަ އެންމެ ރަނގަޅަށް ކަންކަން ކުރިއަށް ނުދިއުން އެކަށީގެންވޭ،ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑިއަމޮލަޖިސްޓް ޑރ. އިބްރާހިމް އަފްޒަލް
ޑރ. އަފްޒަލް ވިދާޅުވީ އަމަލުކުރަން އަންގާފައި އޮންނަ ގޮތަށް އަމަލުކުރާކަމުގައިވާ ނަމަ ކަންކަން ރަނގަޅުވާނެ ކަމަށާއި، ރިސޯޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަދި ސަރުކާރުގެ މުއައްސަސާތަކުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރުން މުހިންމު ކަމަށެވެ.
މީގެ އިތުރުން ކޮވިޑްގެ ހާލަތާއި ގުލޭ ވާހަކަތައް ނުދެއްކި ގިނަ ދުވަސްތަކެއް ވާ އިރަށް ނުވަތަ ކޭސްތައް މަދުވާއިރަށް ނަގަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ މެދު ތަންކޮޅެއް ބޮޑަށް ފިކުރު ދޫކޮށްލެވޭ މަންޒަރު ފެންނަ ކަމަށެވެ. އަދި މިމަމުގެ ސަބަބުން އަނެއްކާ ވެސް ފެންނަ ކޭސްތައް އިތުރުވާ ކަމަށެވެ.