މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތާއި ގުޅިގެން އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާ ތަކުގެ އަޑުހުންތަކެއް ހޯމަ ދުވަހަށް އެކޯޓުގައި ތާވަލް ކޮށްފި އެވެ.
މި އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ 09:00 އަށެވެ.
ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި އެ އަޑުއެހުންތައް ތާވަލް ކޮށްފައިވާއިރު، ޒިޔަތުގެ މައްޗަށް ކުރާ ދައުވާތަކާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އާއެކު ދާދިފަހުން ވަނީ ކުށަށް އިއުތިރާފު ވުމުގެ އެއްބަސްވުމެއް ހަދާފަ އެވެ.
ޒިޔަތާއި ޕީޖީގެ އޮފީހުން އެކަން ހާމަކޮށްފައިވަނީ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމެއްގަ އެވެ. އެއީ، ޅ. މާބިންހުރާ މައްސަލާގައި ޒިޔާތުގެ މައްޗަށް ކުށް ސާބިތުވެ މިހާރު ތަންފީޒު ކުރަމުން ގެންދާ 8 އަހަރުގެ ޖަލު ހުކުމުގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ އެ ކޯޓުން ބޭއްވި އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި ޒިޔާތު ވަނީ އިސްތިއުނާފްކޮށްފައިވާ މައްސަލަ އަނބުރާ ގެންދަން ބޭނުންވާ ކަަމަށްވިދާޅުވެ، ޕީޖީއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޕީޖީ އޮފީހުގެ ގާނޫނީ ވަކީލުވެސް ވަނީ ޒިޔަތާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާކަން ހާމަކުރައްވާފަ އެވެ.
ޅ.މާބިންހުރާ މައްސަލައިގައި ޒިޔަތުގެ މައްޗަށް އިއްވާފައިވާ ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، ދައުލަތުގެ ވަކީލާ ވިދާޅުވީ، ހަމައެކަނި މާބިންހުރާ މައްސަލައަށް އިންކާރުކޮށް ސުޕްރީމް ކޯޓުގައި އެ މައްސަލަ ކުރިއަށް ގެންދަން ޒިޔަތުވެސް ބޭނުން ނުވާ ކަމަށެވެ.
ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ޒިޔަތުވެސް ވަނީ އިސްތިއުނާފް އަނބުރާ ގެންދަން ބޭނުންވާ ކަމަށާއި، އިސްތިއުނާފް ޙައްޤު ދޫކޮށްލަން ނިންމީ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން ނޫން ކަމަށް ބުނެފަ އެވެ.
ޅ.މާބިންހުރާ މައްސަލައިގައި ޒިޔަތުގެ މައްޗަށް ކޮށްފައިވާ ޙުކުމަށް ހައިކޯޓުންވެސް ތާއީދު ކޮށްފައިވާއިރު، ދައުލަތުގެ ވަކީލާ ވިދާޅުވީ، ޒިޔަތުގެ މައްޗަށް ކޮށްފައިވާ 8 އަހަރުގެ ޙުކުމަކީ ރަނގަޅު ޙުކުމެއް ކަމަށެވެ.