ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަވަހާރަވި ހއ. އިހަވަންދޫ ވައިޖެހޭގޭ ޖަމީލާ ޙުސެއިން (82) އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަމީލާ ޙުސެއިން އަވަހާރަވި ހަބަރު ލިބުމާއިއެކު އާއިލާއަށް އެ މަނިކުފާނުގެ އިހުލާސްތެރި ތައުޒިޔާ ދަންނަވާ ކަމަށެވެ. އަދި ދުޢާއަކީ މަރުހޫމާއަށް ސުވަރުގެ މިންވަރު ކުރެއްވުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޖަމީލާ ހުސައިންއަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރގެ މަގާމުގައި ހުންނެވި ހާމިދު ޝަފީޢު އާއި މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އަސްމާ ޝަފީއުގެވެސް މަންމާފުޅެވެ. އަދި ޖަމީލާ އަކީ، ކުރީގެ ރައީސް ވަހީދުގެ ދައުރުގައި ފިޝަރީޒް މިނިސްޓަރ ކަމާއި ހޯމް މިނިސްޓަރުކަން ކުރެއްވި އަހްމަދު ޝަފީއުގެވެސް މަންމާފުޅެވެ.