ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 44 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާގޮތުން ބުދަ ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލޭ އޭރިއާއިން ޕޮޒިޓިވްވި 34 މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވްވި ދެ މީހެއްގެ އިތުރުން ރިސޯޓްގެ ގޮތުގައި ތަރައްޤީ ކުރަމުންދާ ރަށްތަކުން ޕޮޒިޓިވްވި އަށް މީހުންނެވެ. މިއާއެކު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12،854 އަށް އަރާފައެވެ.
ރާއްޖޭގައި މިހާތަނަށް ޖުމްލަ 236،182 ސާމްޕަލް ޓެސްޓް ކުރެވިފައިވާއިރު، 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ޓެސްޓުކޮށްފައިވަނީ 1516 ސާމްޕަލެވެ. އަދި މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު 1120 އަށް އުފުލިފައިވާއިރު، ބަލިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 11،681 އަށް އަރާފައެވެ.
މި ވަގުތެ ރާއްޖޭގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 95 މީހަކަށް ފަރުވާދެމުން އަންނައިރު، މިހާތަނަށް މި ބަލީގައި 46 މީހަކު ވަނީ ނިޔާވެފައެވެ. ރާއްޖެއިން މި ބަލީގައި އެންމެ ގިނަ ބަޔަކު ނިޔާވީ މި ހިނގާ ނޮވެމްބަރު މަހުގެ ތެރޭގައެވެ.